Close
ޚަބަރު

އަންހެނުންގެ ރޫހުގެ ރައީސަކަށް ރޮޒޭ އަށްވުރެ ގާބިލު ބޭފުޅަކު ނެތް: ހިސާން

އަލީ ޔާމިން

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސަކަށް ހޮވަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް (ރޮޒޭ)އަށް ވުރެ ގާބިލު ބޭފުޅަކު ނެތް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް، ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގައި ހިސާންގެ ތާއީދު ކުރައްވަނީ ރޮޒޭ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ.

ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި، ފައްޔާޒާއި ރޮޒޭގެ ކެމްޕެއިން ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ، އަންހެނުން ބާރުވެރިކުރެވޭނީ ސިޔާސީ ގޮތުން އުރަތްޕެއް ހުރި މީހަކަށް ކަމަށެވެ.

"އެބޭފުޅާ (ރޮޒޭނާ) އަކީ މުޅި ސިޔާސީ ކެރިއާގައި މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް. އަޅުގަނޑަށް ނުފެނޭ އަންހެނުންގެ ރޫހުގެ ރައީސާއަކަށް އެއަށް ވުރެ ވަކި ގާބިލް ބޭފުޅަކު އިންތިހާބު ކުރެވިދާނެ ކަމަކަށް، އަންހެނުން ބާރުވެރި ކުރެވޭނީ ތިމަންނާއަކީ ސިޔާސީ ގޮތުން އުރަތްޕެއްހުރެ ތިމާގެ ދެފައި މައްޗަށް ކޮޅަށް އަމިއްލަ ހައްޓައިގެން ތެދުވެ ހުރެވޭނެ މީހަކަށް. އެ މީހާއަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުން ރޮޒައިނާ އާދަމް،" ހިސާން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގައި، ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ސަފާތު އަހުމަދު ޒާހިރު އެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ރޮޒޭ އާއި ފައްޔާޒު ވާދަ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެ އިންތިހާބުގައި ވާދަ ކުރައްވަނީ އިންތި އާއި ސަފާތުއެވެ.