ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ޕޮލިސް ފްލެޓް ސަރަހައްދުގައި ރަތް ކުލައިގެ ޓެކްސީއަކާއި ބެޓެރި ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:20 ހާއިރެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ބިދޭސީ މީހާއަށް ސީރިއަސް އަނިޔާތަކެއްވެ، ހަބަރު ހުސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެވަގުތު ޓެކްސީގައި ތިބީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ އިތުރުން އުމުރުން ދުވަސްވީ މީހެއް ކަމަށެވެ. އެ އެންމެންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެމީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ.

އެކްސިޑެންޓްގައި ކާރާއި ސައިކަލަަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، ފުލުހުން އަންނަނީ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.