ރިޔާސީ ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ހަރަކާތެއްގައި ފުވައްމުލަކުގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ، އޭނާ ގަބޫލުކުރައްވަނީ ރިޔާސީ ނިޒާމު ކަމަށެވެ. އެ ނިޒާމުގައި ރިޔާސީ ޕްރައިމަރީއަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރަކަށް ޓިކެޓު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ކޮވިޑު ހާލަތުގައި ކޮވިޑް މެނޭޖުކުރި ގޮތާއި އެކަމުން އަރައިގަތުމަށް ކުރެއްވި ކަންތައްތަކަށް ބަލައި އިރު، އެއްވެސް ސަބަބަކާ ނުލައި ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ޕާޓީން ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށެވެ.

ފައްޔާޒަށް ތައުރީފުކޮށް ރަޝީދު ވިދާޅުވީ، އޭނާއަކީ ހިންގުންތެރިއެއް ކަމަށާއި ބުނަންޖެހޭ އެއްޗެއް ބުނަންޖެހޭ ވަގުތުގައި އެމީހަކު ރުހުނަސް ނުރުހުނަސް ކަން އޮންނަ ގޮތަށް ބުނާ ބޭފުޅެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ދެ ފަރާތުން ދޭ ހަމަލާތައް ވަނީ ހޫނުވެފައެވެ. އެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.