އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން، އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވަގަށް ވައްދާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިރޭ "ވަން" އަށް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެޕާޓީގެ މެމްބަރުން އަދަދު މަދުވަމުންދާ ކަމަށެވެ. އެގޮތަށް އެކަންވަނީ އެހެން ޕާޓީތަކުން ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.

"މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އަޅުގަނޑުމެންނަށް ފާހަގަވެގެން އެކަން ހިނގައިދިޔަގޮތް ބަލަން މެމްބަރުންނަށް ގަޅަމުން ގެންދިޔައިން. މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުނުވޭ. މިހެން މިވަނީ ޕާޓީތަކުން ވަގު ފޯމު ހުށަހަޅާފައިވާތީ،" ތޮލާލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ލިޑާޝިޕުން އީސީގެ ރައީސް ފުއާދު ތައުފީގާ މިއަދު ބައްދަލުކޮށް، ވަގު ފޯމު ހުށަހަޅައިގެން ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔަ މައްސަލަ ބަލައިދޭން އެދިފައިވާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މީގެ ކުރިން އީސީން އިސްވެ ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ވެސް ވަގު ފޯމުގެ މައްސަލަ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި، އެކަމަކު އެކަން އެންމެ އެދެވޭ ގޮތެއްގައި އީސީން ބަލަމުންނުދާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ވެސް މައްސަލަ ބަލައިދޭން އެދުމުން މައްސަލަ ބަލާނެ ކަމަށް އީސީން ބުނި ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވީ ތިމަންނާމެން މައްސަލަ ބަލާނެމޭ، މައްސަލަ ބަލުމުގައި ކުރަން ޖެހޭ ހުރިހާކަމެއް ކުރާނެކަމަށް،" ތޮލާލް ވިދާޅުވިއެވެ.

ޕާޓީތަކުން ވަގު ފޯމު ހުށަހަޅާ މައްސަލަ ހުއްޓުވުމަށް އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުން ފެންނާނެހެން އެ ކޮމިޝަންގެ ވެބްސައިޓުގައި ދަފްތަރު އާންމުކުރަން ނިންމައިފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އެސްއެމްއެސް އަކުން އަންގަން ވެސް ވަނީ ނިންމައިފައެވެ.