ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކަޓައިގެން ދިޔަ އިރު، އިނގިރޭސި ކްލަބު ވެސްޓްހަމް ޔުނައިޓެޑުން ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ބާސާ ކެޓީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އެއިންޓްރެޗް ފްރެންކްފާޓު އަތުން ބަލިވެގެންނެވެ. ރޭގެ މެޗަށް ބާސާ ނުކުތް އިރު، ޖަރުމަނުގައި ކުޅުނު ފުރަތަމަ ލެގު އޮތީ 1-1 އިން އެއްވަރުވެފައެވެ. ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ބާސާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ވެސްޓްހަމްއިން ސެމީ ޔަގީންކުރީ އެގްރިގޭޓް ބޮޑު ނަތީޖާއަކުން ފްރާންސްގެ ލިޔޯން ބަލިކޮށްގެންނެވެ.
ބާސާއިން ރޭ ކުޅުނު މެޗުގައި ފްރެންކްފާޓުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި ބާސާ ސިއްސުވާލައިފައެވެ. ފްރެންކްފާޓުން ފުރަތަމަ ހާފުގައި ގޯލުތައް ޖެހީ ފިލިޕް ކޮސްޓިކާ އާއި ރަފޭލް ސަންޓޯސް ބޯރޭއެވެ. ކޮސްޓިކާ ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފު ފެށިގެން މެޗުގެ 67 ވަނަ މިނެޓުގައި ކޮސްޓިކާ ޖެހި އިތުރު ގޯލަކާއެކު ފްރެންކްފާޓުން ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ.
މެޗުގެ ނަތީޖާ އަނބުރާލަން ކުރި މަސައްކަތުގައި ބާސާއަށް ފުރަތަމަ ގޯލުވެސް ޖެހުނީ އިތުރު ވަގުތުގައެވެ. އެއީ ސާޖިއޯ ބުސްކަޓްސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެކެވެ. މެޗު ނިމެން ދަނިކޮށް ފްރެންކްފާޓްގެ އިވާން އެންޑީކާއަށް ރަތް ކާޑު ދައްކައި، ބާސާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ބާސާގެ ދެވަނަ ގޯލު އެ ޕެނަލްޓީގައި ޖެހީ މެމްފިސް ޑިޕޭއެވެ. ބާސާއިން ފަހުވަގުތު ކުޅުން ރަނގަޅު ކުރި ނަމަވެސް ނަތީޖާ ހަމަހަމަ ކުރެވޭނެ ގޮތެއް ނުވިއެވެ.
ވެސްޓްހަމްއާއި ލިޔޯން ވާދަކުރި ފުރަތަމަ ލެގުގެ މެޗުވެސް 1-1 އިން އެއްވަރު ވެފައި އޮތް އިރު، ރޭގެ މެޗު ވެސްޓަހަމްއިން ފްރާންސްގައި ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އަވޭގައި ބޮޑު މޮޅެއް ހޯދި ވެސްޓްހަމްގެ ގޯލުތައް ޖަހައިދިނީ ކްރައިގް ޑޯސަންއާއި ޑެކްލަން ރައިސްގެ އިތުރުން ޖެރޮޑް ބޮވެންއެވެ.
މިއީ މިދިޔަ 46 އަހަރު ތެރޭގައި ވެސްޓްހަމްއިން ޔޫރަޕްގެ މުބާރާތެއްގެ ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ.
ވެސްޓްހަމްއިން ސެމީގައި ވާދަކުރަން ޖެހޭނީ ފްރެންކްފާޓާ ދެކޮޅަށެވެ. އެ ދެޓީމު ކުޅޭ ސެމީގެ ފުރަތަމަ ލެގު މިމަހުގެ 29 ވަނަ ދުވަހު އޮންނަ އިރު، އަނެއް ލެގު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭންޖާސްއިން ނުކުންނާނީ ލެއިޕްޒިގާ ދެކޮޅަށެވެ. ސެމީ ފައިނަލް ދެވަނަ މެޗުގެ ދެވަނަ ލެގުވެސް އޮންނާނީ ފުރަތަމަ މެޗުގެ ދެވަނަ ލެގުވެސް އޮންނަ ތާރީހުގައެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު