އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށް ވެސް ފަހު ދިހައަކީ ރަނުގެ ފުރުސަތެއް ކަމަށާއި ލައިލަތުލް ގަދްރި ވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބެނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް ﷲ ތައާލާ އެކަލާނގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވާ ކަމަށެވެ. އެހެންކަމުން މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި ރޭތަކުގައި ސުވަރުގެ ލިބިގަތުމަށް އެއްބަޔަކު އަނެއްބަޔަކާ ވާދަކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

"އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށް ވެސް ފަހު ދިހައަކީ ރަނުގެ ފުރުސަތެކެވެ. ފަހު ދިހައިގައި ހެޔޮ އަމަލު ގިނަކޮށްގެން, ލައިލަތުލް ގަދްރި ވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބެނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބެވެ. އެރޭ މާތް ﷲ އެއްކައުވަންތަކުރާ ހާލު, އެ އިލާހުގެ ހަޟްރަތުން ސަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާނޭ ކަމުގެ އުފާވެރި ހަބަރު ނަބިއްޔާ ވަނީ ދެއްވައިފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މި މައްސަރުގެ ސަވާބާއި ދަރުމައަށް އެންމެ ދަހިވެތިވާންވީ ވަގުތު ކުރިއަށް އޮތީ ކަމަށާއި ނަބިއްޔާ މުޅި އަހަރު އެހެން ވަގުތުތަކުގައި އަޅުކަމުގައި މަސްއޫލުވެ ވަޑައިނުގަންނަވާ މިންވަރަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމައިގެން މަސްއޫލުވެ ވަޑައިގަންނަވާ ކަމަށެވެ.

"ރަހުމާންވަންތަ ﷲ ގެ އޯގާވަންތަކަމުން އަހަރެމެންނަށްޓަކައި ފަހު ދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވެއެވެ. އެއީ ލައިލަތުލް ގަދްރި ވިލޭރެއެވެ. ﷲ ތައާލާ އެރޭގެ އަޅުކަން އެއްހާސް މައްސަރަށް ވުރެ މާތްކުރެއްވިއެވެ. ލައިލަތުލް ގަދްރި ވިލޭރެއަކީ ރަހުމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަހަރެމެންގެ ހިތަށް ނުގެނެވޭ ފަދަ ދީލަތި, ބަރަކާތްތެރި ދެއްވުމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ﷲ ތައާލާ މުޅި ކާއިނާތުގެ އެންމެހައި ކަމެއް ލައުހުލްމަހްފޫޒްގައި ލިޔުއްވާފައިވާ ކަމަށާއި ނަމަވެސް ކުރިއަށްއޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް ކޮންމެ އަހަރެއްގެ ލައިލަތުލް ގަދްރި ވިލޭރޭ ކަނޑައަޅުއްވާ ކަމަށެވެ. އެހެންކަމުން މީސްތަކުންގެ ރިޒްގާއި އުފަންވުމާއި ދިރިހުރުމާއި މަރުވުން ފަދަ އެންމެހައި ކަންކަން އެރޭ ބަޔާންކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.