ޔޫތް ޕާލިމެންޓްރީގެ އެދުމުގެ މަތިން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ސައިން ލޭންގުއޭޖް ނުވަތަ އިޝާރާތު ބަހުރުވައިން ގެނެސްދިނުމަށް ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުން އެގޮތުން ނިންމީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައި ބޭއްވި ޔޫތް ޕާލިމެންޓްރީ ޕްރޮގްރާމްގައި ބައިވެރިވި އަޑުއެހުމުން މަހުރޫމްވެފައިވާ ކުއްޖާގެ އެދުމެއްގެ މަތިން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ޔޫތް ޕާލިމެންޓްރީ ޕްރޮގްރާމަކީ ޒުވާނުން މަޖިލީހުގެ މަސައްކަތަށް އަހުލުވެރިކުރުވުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

މަޖިލީހުން މިއަދު ބުނީ، އެ ޕްރޮގުރާމްގައި ބައިވެރިވި އަޑުއެހުމުން މަހުރޫމްވެފައިވާ ޒުވާނެއްގެ އެދުމުގެ މަތިން ރައީސް ނަޝީދުގެ އިސްނެންގެވުމާއެކު މަޖިލީހުގެ ޖަލްސާތައް ދުރަށް ދައްކާއިރު ސައިން ލޭންގުއޭޖް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ، އެ ޒުވާނާ އެދުނުގޮތަށް އެކަން ކުރައްވާނެކަމުގެ ޔަގީންކަން ނަޝީދު އެ ދުވަހު ދެއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ޖަލްސާގައި ދެކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނީ ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ. ފަޒްނީއަކީ މަޖިލީހުގެ އިދާރާގެ މުވައްޒަފެކެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހުރިހާ ޖަލްސާތަކެއްގައިވެސް ދެކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮމެޓީގެ ބައްދަލުވުންތައްވެސް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.