ޚަބަރު

މަޖިލީހަށް ހުށަހެޅުމަށް ތިން ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

މުހައްމަދު އިޝާން

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ތިން ބިލެއް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ، ރައީސް އޮފީހަށް ފޮނުވާފައިވާފައިވާ ތިން ބިލަކީ ޖިނާއި އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ކުނި މެނޭޖްކުރުމުގެ ބިލު ކަމަށެވެ.

ޖިނާއީ އިޖުރާތައުގެ އިސްލާހު ގެންނަ ބިލުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމާގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމަށާއި ކުށަށް އިއުތިރާފުވާ ފަރާތްތަކާއެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ހާލަތްތަކުގައި އެކަން ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްސީލުކޮށް ބަޔާން ކުރުން ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމަށް އެކިއެކި އިޖުރާއަތްތައް ހިންގުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ހުށަހަޅާ ބިލެކެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅަނީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާއިން ހާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓް އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދާނާކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

މީގެއ އިތުރުން ދައުލަތުގެ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށާއި ގާނޫނާ ހިލާފުވާ ހާލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިސްލާހުކުރުމަށެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ކުނިމެނޭޖް ކުރުމުގެ ބިލަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވައި ހިންގައި، އެކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖްކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ އޮނިގަނޑު ކަނޑައެޅުމާ ބެހޭ ބިލެކެވެ.

އެ ބިލުގެ މަގުސަދަކީ ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި ކުނި މެނޭޖްކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުމެވެ. އަދި ކުނި މެނޭޖްކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމަކީ ވެސް އެބިލުގެ މަގްސަދެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.