ޑުރަގު ރިހިބިލިޓޭޝަނަށްފަހު މުޖުތަމައުއަށް ނިކުންނަށް ފަރާތްތަކަށް އެމްޓީސީސީން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެގެން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އެމްޓީސީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑުރަގް އެޖެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު މަރިޔަމް ހާލިދާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ މި އެމްއޯޔޫގެ މަގުސަދަކީ އެންޑީއޭ އިން ދެމުން އަންނަ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައާ ގުޅޭ ފަރާތްތައް މުޖުތަމައަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަގްރޭޝަން އެންޑް އާފްޓާ ކެއާ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާއީ ޒިންމާ ކަމުގައިވާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކަމަށް އެމްޓިސީސީން ބުންޏެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ސޮއިކޮށްފައިވާ މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަހުލާގާއި ސުލޫކު އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާ ހިއްސާކުރާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ މި ޕްރޮގްރާމު ފުރިހަމަކުރާ މީހުން މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީނު ކުރުން ކަމަށެވެ.