ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގައި، އޭނާގެ ދިފާއުގައި، ވަކީލު މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް، ހައިކޯޓުގައި ދައުލަތުން އެދިއްޖެއެވެ.
މި މައްސަލައަކީ އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާ، ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން، އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
މިމައްސަލައާ ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ފައްޓަަވަމުން، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ފާތުމަތު ފަރުހީޒާ ވިދާޅުވީ، އާޒިމާގެ ދިފާއީ ވަކީލުންނާބެހޭ ގޮތުން ދައުލަތުން އިއުތިރާޒެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ފާހަގަ ކުރުމަށް ދައުލަތަށް ފުރުސަތު ދެއްވިއެވެ.
އެ މައްސަލަ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވަމުން ސީނިޔާ ޕަބްލިކު ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މި މައްސަލަ ހުށަހެޅި ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށްދިޔައިރު، އާޒިމާގެ ވަކީލުންގެ ތެރޭގައި ހިމެނނިވަޑައިގަންނަވާ މަރިޔަމް ނިހާޔަތަކީ، ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވާ ފަރާތެއް ކަމަށެވެ.
އެހެންކަމުން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާނެ (ނ) ބަޔާންކުރާ ގޮތުން މި މައްސަލައިގައި އޭނާއަށް ވަކާލާތު ނުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ތަނެއްގައި ވަކީލު މަސައްކަތް ކުރަމުން ދަނިކޮށް، އެ ތަނަކަށް ހުށަހެޅިފައިވާ، ނުވަތަ މަޝްވަރާ ކުރެވިފައިވާ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި އެ ވަކީލަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެ މާއްދާގައި ބަޔާން ކުރާ ކަމަށެވެ.
އެމައްސަލައިގައި ދައުވާކުރުމަށް ފުލުން އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ 10 ފެބްރުއަރީ 2019 ގައި ކަމަށާއި، 17 ފެބްރުއަކީ 2019 ގައި އެ ދައުވާ ކުރިމިނަލް ކޯޓަށް، ހުށަހަޅާފައިވާއިރު، ނިހާޔަތު އެ އޮފީހުގައި އަދާކުރަމުންދިޔަ ވަޒީފާއިން އިސްތިއުފާ ދެއްވީ 12 މާޗް 2019 ގައި ކަމުން، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަވާތީ، މި މައްސަލައިގައި ނިހާޔަތަށް ވަކާލާތު ނުކުރެވޭނެކަށް ކަނޑައަޅައިދެއްވުމަށް ދައުލަތުން އެދޭ ކަމަށްވެސް އައިޝަތު މުހައްމަދު ވިދާޅުވިއެވެ.
އެ ހުށަހެޅުމާ ގުޅިގެން ނިހާޔަތު ވިދާޅުވީ، އެ މައްސަލައިގައި އޭނާއަށް ވަކާލާތު ނުކުރެވޭނެކަމަށް ދައުލަތުން ހުށަހަޅާއިރު، ޕީޖީގައި އެމައްސަލަ އޮތްއިރު، މައްސަލައާބެހޭ އެއްވެސް ކަމެއްގައި، އޭނާގެ އެއްވެސް ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ދެއްކީ ހުސް ވާހަކަ ކަމަށާއި، އެމައްސަލައިގެ ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މައްސަލައާ އެއްވެސް ގުޅުމެއް ނެތްއިރު، ހަމައެކަނި އެ އޮފީހުގައި އުޅުނީތީ މަސްލަހަތު ފުށުއަރާކަމަށް ދެކުމަކީ ރަނގަޅުގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނިހާޔަތުގެ ވާހަކަތަކާ ގުޅިގެން، ދައުލަތުން ފާހަގަކުރި މާއްދާ މަތީ މަރުހަލާގެ ކޯޓުތަކުން މާނަކޮށްފައިވަނީ ކޮން ގޮތަކަށްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން ޕަބްލިކު ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، ވަކީލު އެ ތަނުގައި މަސައްކަތް ކުރިއިރު، މައްސަލައާބެހޭގޮތުން މަޝްވަރާކޮށް ނުވަތަ، މައްސަލައަކާ ބެހޭގޮގުން ވަކި ގޮތަކަށް ލަފާދިނުން ހިމެނޭކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ގަވާއިދުގެ އެ މާދާގައި ބުނަނީ "އެ މުއައްޒަފަކު އެ އިދާރާއެއްގައި މަސައްކަތް ކުރަމުންދަނިކޮށް އެ އިދާރާއަކަށް ހުށަހެޅިފައިވާ، ނުވަތަ މަޝްވަރާ ކުރެވިފައިވާ މައްސަލައެއްނަމަ، މާނައަކީ، އެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހުށަހެޅިފައިވާނަމަ އެ ވަކީލަކަށް އެ މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެކަމަށް،" ވެސް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ މަރިޔަމް ނަޒާހާ މައްސަލައިގެ ގަޒިއްޔާގައި އެފަދަ ކަމަކާ ބެހޭގޮތުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި، އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ އިސްތިއުނާފް ކުރާ ފަރާތުގެ ވަކީލަށް މައްސަލައިގައި ވަކާލާތު ކުރެއްވޭނެކަމަށް ނަމަވެސް، އެ މައްސަލައިގެ ހާލަތު ތަފާތުކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްވެސް ދެއްވިއެވެ.
ހަމައެއާއެކު، މަރުގެ މައްސަލއެއްގައި ހައިކޯޓުން އެފަދަ ނިންމުމެއް، ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެ އެކަމާބެހޭ މައުލުމާތުވެސް ހިއްސާ ކުރެއްވިއެވެ. ނަމަވެސް އެ މައްސަލައިގެ އެއްވެސް ކަމެއްގައި ނިހާޔަތުގެ ސީދާ ބައިވެރިވުމެއް އޮތް ލިޔުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، ބޭނުން ވަކީލަކު ކަނޑައެޅުމުގެ ހައްގަކީ ގާނޫނުއަސާސީން އޭނާއަށް ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ.
ފަނޑިޔާރު ފާތުމަތު ފަރުހީޒާ، ވިދާޅުވީ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި އެ މައްސަލައިގައި ހައިކޯޓުން ނިންމާ ނިންމުން ވަކީލަށް އަންގަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު