ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަތުން 3-2 އިން ބަލިވި ނަމަވެސް، އެގްރިގޭޓުން ކުރި ހޯދައި، ރެއާލް މެޑްރިޑުން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެންމެފަހުގެ ޗެމްޕިއަން ޗެލްސީން ރޭގެ މެޗުން 3-2 އިން މޮޅުވި ނަމަވެސް، ރެއާލްއިން ވަނީ ޗެލްސީ ދަނޑުގައި 3-1 އިން މޮޅުވެފައެވެ. ރޭގެ ނަތީޖާއަކީ ގިނަ ބަޔަކު އުންމީދު ކުރި ނަތީޖާއެއްވެސް ނޫނެވެ. ހާއްސަކޮށް ފަހަތުން އަރައި އެހާ ބޮޑު ނަތީޖާއެއް އެއްވަރުކޮށް، ރޭގެ މެޗު އިތުރު ވަގުތަށް ދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކޮށްފައެއް ނުވެއެވެ. ރޭގެ ނަތީޖާއާއެކު ޗެލްސީ ވެފައި ވަނީ ރެއާލް ދަނޑުގައި އެއް ގޯލަށްވުރެ އިތުރަށް ޖެހި ހަމައެކަނި އިނގިރޭސި ޓީމަށެވެ. އަދި ރޭގެ މެޗަކީ ޗެލްސީން ރެއާލްގެ ރަސްމީ ދަނޑު، ސަންތިއޭގޯ ބާނަބޭއޫގައި ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗު ކުޅުނު ފެށިގެން ރަނގަޅަށް ކުޅެ، ހަމަލާތައް އުފެއްދީވެސް ޗެލްސީންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މޭސަން މައުންޓް ޖެހި ހިތްގައިމު ގޯލާއެކު ޗެލްސީން އުންމީދު ހޯދައި ދެވަނަ ހާފަށްވެސް ނުކުތީ ހިތްވަރާއެކުގައެވެ. ނަތީޖާ އަނބުރާލުމަށް އެޓީމަށް ފެހި ސިގްނަލް ލިބުނީ ދެވަނަ ހާފު ފެށިގެން މެޗުގެ 51 ވަނަ މިނެޓުގައި ކޯނަރެއްގެ އެހީގައި އެންޓޯނިއޯ ރުޑިގާ ޖެހި ގޯލުންނެވެ.
އެ ގޯލާއެކު ރެއާލް ވަރަށް ބޮޑަށް މާޔޫސްވިތަން ފެނުނެވެ. އަދި ޗެލްސީ ކުރިއަށްވުރެވެސް ކޮންފިޑެންސްގައި ކުޅެން ފަށައި، 75 ވަނަ މިނެޓުގައި ޓީމޯ ވާނާ ޖެހި ގޯލުން އެގްރިގޭޓް ނަތީޖާވެސް އަނބުރާލިއެވެ. ޗެލްސީން ސެމީގެ އުންމީޑު ބޮޑުކޮށް ތިއްބައި ދެން ފެނުނީ ލޫކާ މޮޑްރިޗްގެ ޖާދުވީ ވަގުތު ކޮޅެކެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލްގެ ފުރަތަމަ ގޯލު ޖަހައިދިނީ މޮޑްރިޗް ދިން ހިތްގައިމު ޕާހަކުންނެވެ. ޗެލްސީ އޭރިއާ ތެރެއަށް މޮޑްރިޗް އެ ހިތްގައިމު ޕާސް ދުއްވާލީ ބޫޓުގެ ބޭރު ފުށުންނެވެ.
މެޗު އިތުރު ވަގުތަށް ދިޔަ އިރު، ދެޓީމުގެ ފަރާތުންވެސް އިންތިހާއަށް ވަރުބަލިކަން ފެނުނެވެ. ހާއްސަކޮށް ޗެލްސީން ފަހަތުން ވަރުބަލިކަން ބޮޑަށް ފެނުނު އިރު، އެޓީމަށް ގޯސްތައް ހެދެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މިސް ޕާހެއްގެ ފައިދާ ނަގައި، ބެންޒެމާ ވަނީ 96 ވަނަ މިނެޓުގައި ރެއާލްއަށް އެގްރިގޭޓް ލީޑު ނަގައިދީފައެވެ. ފުރަތަމަ ލެގުގައި ހެޓްރިކް ހެދި ބެންޒެމާ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާ ނަގައިދިން ހުރަހަކުންނެވެ.
މިހާތަނަށް ރެކޯޑު 13 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑުން ސެމީގައި ނުކުންނަން ޖެހޭނީ މެންޗެސްޓާ ސިޓީއާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާ ކުއާޓާ ފައިނަލުން ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ.