އެމްޑީޕީގެ ދަފްތަރުގައި އިދިކޮޅު ޕީޕީއެމްގެ 20،000 މީހުން ތިބި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް މިއަދު އދ. ކުނބުރުދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރާ ހިލާފަށް އެމްޑީޕީން އެކުލަވާލާފައިވާ އެ ޕާޓީގެ ދަފްތަރުގައި ޕީޕީއެމްގެ 20،000 މީހުން އެބަތިބި ކަމަށެވެ. އަދި އެ އެންމެންވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލާ ކަމަށާއި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކު ވެސް ކަނޑައަޅަނީ ވެސް އެމީހުން ކަމަށް ވިދާޅުވިއެވެ.
"މި ޕާޓީގެ ރައީސް ކަނޑައަޅަން ނޫނީ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ނޫނީ މި ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް އެބަ ވޯޓު ލެވޭ. އެހެންވީމަ އެމީހުންނަށް އެބަ ނިންމޭ އެމީހުންނާ ވާދަކުރަން އަޅުގަނޑުމެން ތެރެއިން ނުކުންނާނީ ކާކުކަން. އެހެންވީމަ އެމީހުންނެއް ނޫންތޯ މި ޕާޓީގައި ގޮތް ނިންމަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެމްޑީޕީގެ ދަފްތަރުގައި ތިބި އެހެން ޕާޓީތަކުގެ މެންބަރުން ވަކިކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމަށް ނިސްބަތްވާ 20،000 މީހުން ތިބިކަން އެނގުނު ގޮތެއް ފައްޔާޒް ވިދާޅުވެފައެއް ނުވެއެވެ. އެކަމަކީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވައި، އިދިކޮޅުން ބޭނުންވާ މީހަކު އިންތިހާބުތަކަށް ނެރުމަށް ކުރާ ކަމެއް ކަމަށް ފައްޔާޒް ތުހުމަތުކުރައްވައެވެ.
އީސީގެ ދަފްތަރާ ހިލާފަށް އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމުގެ ޝަކުވާ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ރަޖިސްޓްރީގައި އޮންނަ އެޕާޓީގެ އެކްޓިވިސްޓަކު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަންޒަރު ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އެމްޑީޕީން ބަލަހައްޓާ ދަފްތަރާއި އީސީގެ ދަފްތަރާ މިހާރު ވެސް ބޮޑު ފަރަގެއް އުޅެއެވެ. އެމްޑީޕީން ބަލަހައްޓާ ދަފްތަރުން އެ ޕާޓީގައި 94،000 މެންބަރުން ތިބި ކަމަށް ދެއްކި ނަމަވެސް، އީސީގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީގައި ތިބީ 54،700 މެންބަރުންނެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒްއާ ދެކޮޅަށް ނުކުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު