ޚަބަރު

ހިޔާ ފްލެޓްގެ ފިނިޝިންގެ ހިޔާނާތް ހަ މިލިއަނަށްވުރެ ބޮޑު: އިދިކޮޅު

މުހައްމަދު އިޝާން

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ހަ މިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން އުޅެނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ޖެއްސުން ކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު ގާތްގަކަށް ހަ މިލިއަނަށްވުރެ ގިނަ ފައިސާ މި ހިޔާނާތުގެ ތެރޭގައި އެކި ކުންފުނިތަކުން ނަގާފައިއެބަވޭ. އަދި އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތުތަކައް ބަލާއިރު ގާތްގަޑަކަށް 70 ވަރަކަށް އާއިލާ ނުވަތަ 70 ވަރަކަށް ފްލެޓްގެ މި މައްސަލަތައް ކުރިމަތިވެފައި އެބަހުރި. މީގެ ތެރޭގައި ގިނައީ ހަމަ އެއްގޮތަކަށް ވެސް އެ ކުންފުނިތަކުން މިހާރު ޖަވާބުދާރީވެސް ނުވާ އަދި އެ ކުންފުނިތަކުން އެހެން ކުންފުންޏަށް މަސައްކަތް ހަވާލުކޮށް ނޫނީ އެކަހަލަ އެތައް އޮޅުވާލުމެއްގެ ތެރެއިން ގޮސްފައިވާ މައްސަލަތަކެއް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވަނީ އެ ހިޔާނާތުގައި ސަރުކާރުގެ ބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މި ކުންފުނިތަކާއި މިކަންކަންކަމާ ގުޅިފަ މިހުރީ ސަރުކާރާއި މަޖިލިސްގައިވެސް، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން ބައެއް މެމްބަރުންގެ ހިއްސާ މީގެ ތެރޭގައި އޮތީމަ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މި މައްސަލައާމެދު އެއްގޮތަކަށް ވެސް ބަހުސްކުރާކަށް ބޭނުމެއްނުވީ،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓް ނަގަންވީ ކުލި ކަނޑައަޅާފައިވާ ކަމަށާއި އެ އަގަށްވުރެ ބޮޑުކޮށް ކުލި ނަގައިގެން ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ މެއިންޓަނަންްސް ފީ އާއެކު 6،500 ރުފިޔާއެވެ.

ހިޔާ ފްލެޓްތަކަށް ދައްކަން ޖެހޭ ފަައިސާ ނުދެއްކުމަށް ގޮވާލާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރޭ ބުނެފައިވާތީ އާދަމް ޝަރީފު ވަނީ އެކަން ކުށްވެރިކުރައްވައިފައެވެ. އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބިރު ދައްކައިގެން ރައްޔިތުންގެ އަޑު ކަނޑުވާލަން ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް ރިޔާސީ އިންތިހަބާ ދިމާކޮށް މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާނެ ކަމަށާއި ނަމަވެސް އެއީ އިހުލާސްތެރި ނިންމުމަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން މިހާރުން މިހާރަށް ހިޔާގެ ކުލި ކުޑަކޮށްދިނުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި ހިޔާގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.