އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރު ބާތިލުކުރަން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ސްކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްބުނާ މައްސަލައެއްގައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު އައްޑޫ ސީޓީ ހިތަދޫން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލުގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ އަންހެން މީހާ ބަންދުގައި ބަހައްޓާފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައެވެ.

ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ އަންހެން މީހާ ވަނީ ފްރޭމްމޮށްފައި ކަމަށް އެމީހާގެ އާއިލާ މީހުންނާއި އިތުރު ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.

އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށްވެސް ހުށަހަޅައިފައެވެ. އަދި އެ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.