"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ހިންގާ އެންމެ ބިޔަ މަޝްރޫއުއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރަމުން އަންނަ އިރު، ބްރިޖުގެ ކަނޑުއަޑީގެ މަސައްކަތްތަކެއް ހާއްސަ ބާޖެއް ހުސްވި މާޗު މަހުގެ ފަހުކޮޅު ވަނީ ރާއްޖެ ގެނެސްފައެވެ.
މި ބާޖަކީ ފުން ހިސާބުތަކުގެ ޖިއޯޓެކްނިކަލް ސާވޭތަކަށް ގެނައި ބާޖެކެވެ. އަދި ބްރިޖުގެ ޕައިލިން މަސައްކަތްތަކަށްވެސް މި ބާޖު ބޭނުންކުރާނެއެވެ.
ބްރިޖު މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަން" އަށް މިއަދު ވިދާޅުވީ، މަޝްރޫއުގެ އަމަލީ މަސައްކަތް ނުވަތަ ފައުންޑޭޝަންގެ މަސައްކަތް އަންނަ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ފައުންޑޭޝަންގެ މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖިނާން އިތުރަށް ވިދާޅުވީ، ފައުންޑޭޝަން މަސައްކަތް ފެށުމަށް މާލޭ ސައިޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރު ކުރަމުން އަންނަ އިރު، ބްރިޖުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް މިހާރު ވަނީ އައުމުގެ މަގުމަތީގައި ކަމަށް ޖިނާން ވިދާޅުވިއެވެ.
"ކޮންޓްރެކްޓަރަށް އަޅުގަނޑުމެން ދީފަ އޮންނާނީ ދެ މައިލްސްޓޯނެއް. އެއީ މާލެއިން ގުޅިފަޅަށް ހަދާ ބްރިޖު 2023ގެ ޑިސެމްބަރަށް ނިންމުމަށް. އެއާއެކު ވިލިމާލެވެސް ގުޅިގެންދާނެ. މި ދަންނަވަނީ ދަތުރުކުރެވޭ ވަރަށް ބުރިޖުގެ މަސައްކަތް ނިމިގެންދާނެ ވާހަކަ،" ޖިނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގުޅިފަޅުން ތިލަފުއްޓަށް ބްރިޖު ގުޅާލައި ނިންމާލަން ކޮންޓްރެކްޓަރަށް ދީފައިވާ މުއްދަތަކީ 2024 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބްރިޖް މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓަގެދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖާއެކު/ކޯޒްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެއެވެ.