އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށި ސަރަހައްދުން ދުއްވާފައި ދަނިކޮށް ސައިކަލުން ވެއްޓުނު މީހެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

ހިތަދޫގައި ހިނގި މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސ. ފޭދޫ އޯކިޑް މަންޒިލް، އަހުމަދު ދީދީ 56، އަށެވެ.

ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލް މެމްބަރު އާމިނަތު ސަލްމާ "ވަން" އަށް މިއަދު ވިދާޅުވީ އަހުމަދު ވަޒީފާ އަދާކުރަނީ ހިތަދޫގައި ކަމަށާއި މިހާދިސާ ހިނގީ ޑިއުޓީ ނިންމާފައި އެނބުރި ފޭދުއަށް ދިޔަ މަގުމަތީގައި ކަމަށެވެ.

އަހުމަދު ދީދީ ވެއްޓިފައި އޮއްވައި އާންމުންގެ ބަޔަކަށް ފެނުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭރުވެސް އޭނާގެ ހޭވެރިކަމެއް ނެތް ކަމަށް ސަލްމާ ވިދާޅުވި އެވެ.

"ސީދާ ނޭނގެ ކިހިނެއް ހިނގައިދިޔަ ކަމެއް ކަމެއް ބުނާކަށް. ވެއްޓުނީ ކަމެއް ނޫނީ އެއްޗަކުން ސައިކަލުގަ ޖެހުނީ ކަމެއް ބުނާކަށް ނޭނގެ. އާއިލާއިން ބުނީވެސް ސައިކަލުން ވެއްޓުނީއޭ. ދެން އަޅުގަނޑު އެހިން ދީދީގެ ދަރިފުޅު ގާތު ސްޓްރޯކެއް ނޫނީ ހާޓްއެޓޭކެއް ޖެހިގެންތޯ ވެއްޓުނީ. އޭނަގެ ދަރިފުޅު ބުނީ އެކަހަލަ ކަމެއް ނެތޭ އަދި ފާހަގަވެފައެއް. މި ހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހުގެރޭ ހިތަދޫ ކުނި ކޮށި ސަރަހައްދު ފަޅުރަށްތަކާ ދިމާލުން." އޭނާ ވިދާޅުވި އެވެ.

ސަލްމާ ވިދާޅުވީ އަހުމަދުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭއެޅި ލޮލަށްވެސް ލޭއަރާފައިވާ ކަމަށާއި ވެއްޓުނުލެއް ބާރުކަމުން ދަތްދޮޅިވެސް ނެއްޓިފައިވާ ކަމަށް އާއިލާއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އަހުމަދަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެގެނެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް އަދި އައިޖީއެމްއެޗުގެ ބަހެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ފުލުހުންވެސް އަދި އައޖީއެމްއެޗުންވެސް ބުނީ ޗެކް ކޮށްލާފައި ގުޅާނެ ކަމަށެވެ.