ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް، ނިންމައިދޭން، ފައިސާ ނަގައި، އެ މަސައްކަތް ނިންމައި ނުދީ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަން ފާހެއް ނުވިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅޫ ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފެވެ.

އެގޮތަށް ކުންފުނިތަކުން ވެފައިވާ ހިޔާނާތް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން، މެންބަރު ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި ތިންމަސްދުވަހުގެތެރޭގައި ދިރިއުޅޭން ފެއްޓުމަށް އެންގުމާ ގުޅިގެން، ފްލެޓް ލުބުނު މީހުން ދަރަންޏަށާއި އެހެނިހެން ގޮތްގޮތަށް، ފައިސާ އާއި ތަކެތި ނެގި ކަމަށެވެ.

އެއަށްފަހު ފިނިޝިން މަސައްކަތް ނިންމައިދިނުމަށް އެދުނު ބައެއް ކުންފުނިތަކަށް ފައިސާ އާއި ތަކެތި ދިން ނަމަވެސް އެފަރާތްތަކުން މަސައްކަތް ކޮށްނުދީ، ފައިސާއަށް ހިޔާނާތްތެރިވުމުގެ ސަބަބުން ފޫ ނުބެއްދޭވަރުގެ ގެއްލުމާއި ދަތިތަކާއި އުނދަގޫތައް ފްލެޓް ލިބުނު ފަރާތްތަކަށް ކުރިަތިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ފިނިޝިން މަސައްކަތްކުރާ ކުންފުނިތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފައިސާ ހޯދައި ފްލެޓް ލިިބުނު މީހުންނަށް އޮޅުވާލުމާއި މަކަރުގެދުން އިތުރުވަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ކަމަށްބުނެ ފައިސާނެގި ބައެއް ކުންފުނިތަކުން މަސައްކަތް ނުކޮށް، އަދި އެކަމަށް ނެގި ފައިސާ އަނބުރާ ނުދޭ މައްސަލަ އާއި ކުންފުނިތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފައިސާ ހޯދައި މީހުންނަށް އޮޅުވާލައި މަކަރުހަދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން، އެ މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ، އެންމެ ހަ މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވިއެވެ. ބަހުސްކުރަން ފާސްކުރަން ބޭނުންވަނީ 18 ވޯޓެވެ.