ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި އާއިލާ އިތުރު އަށް މަސް ވަންދެން ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ރާއްޖެއަށް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ބައިތިއްބާފައިވާ ކަމަށެވެ.

އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައި ވަނީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން އެގޮތަށް ރާއްޖެއިން ބޭރުން ގެންނަ މީހުން ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ ރީއިންޓެގްރޭޝަން ސެންޓަރެއްގައެވެ. އެ ސެންޓަރު ހުންނަނީ ކ. ހިންމަފުށިގައެވެ. އަދި އެމީހުން މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެކަން ވެސް ކުރަން ޖެހޭނެކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ރީއިންޓެގްރޭޝަން ސެންޓަރެއްއްގައި ބަންދުކުރާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާނަމަ އެ މީހަކު ކޯޓަށް ހާޒިރުކުރަން ޖެހެއެވެ.

ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އެ އާއިލާ ކޯޓަށް ހާޒިރުކުރި ކަމަށާއި، އަދި އެ މީހުން ރީއިންޓެގްރޭޝަން ސެންޓަރުގައި އަށް މަސް ވަންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން އެ މައުލޫމާތު އަދި ހިއްސާ ކުރެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ އާއިލާގެ އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާތޯ ސާފުކުރަން "ވަން" އިން މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބުދެއްވައިފައެއްނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި އެ އާއިލާގެ ޖިނާއި ތަހުގީގެއް ހިންގަންޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހެންކަމުން ހަނގުރާމަވެރި ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.