ރާއްޖޭގެ އުއްމީދަކީވެސް އަދި މުސްތަގުބަލަކީވެސް އެމްޑީޕީ ކަމަށާއި އެޕާޓީގެ އާންމު މެންބަރުން ހަރަކާތްތެރި ނުވާނަމަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ, އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗެއާޕާސަންގެ މަގާމުގެ ކެޕްމޭނަށް ކ. ހިންމަފުއްޓަށް އިއްޔެ ވަޑައިގެން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީ "ހިންގާލަން ޖެހޭ ކަމަށެވެ. އަދި 2023 އެމްޑީޕީއަށް ލިބޭނީ އާންމު މެމްބަރުން ހަރަކާތްތެރިވެ ގުޅިގެން ޝައުގުވެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނެއޭ 2023 ލިބޭ ތަނެއް ޕާޓީގެ މެންބަރުން އެކްޓިވްވެގެން ނޫނިއްޔާ, ޕާޓީގެ މެންބަރުން އެކްޓިވްވެ ޕާޓީ އާއި މެންބަރުންނާ ގުޅުން ބަދަހިވެގެން އެ ގުޅުމާއެކު ޕާޓީ އާއި ސަރުކާރާ ވެސް ގުޅުން ބަދަހިވެގެން ނޫނިއްޔާ 2023 ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ, ކިތަންމެ މަސައްކަތެއް ކުރިޔަސް" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވަނީ ޕާޓީ "ހިންގާލަން" ޖެހޭ ކަމަށް އޭނާ ވިދާޅުވަމުން ގެންދަވާ ސަބަބު ތަފްސީލް ކޮށްދެއްވައިފައެވެ. އެމްޑީޕީ މީގެ ކުރިން ހިންގިގޮތަށް މިހާރު ނުހިނގާކަމަށް ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް މިހާތަނަށް ކާމިޔާބީތައް ހޯދިފައި ވަނީ ހިނގާތީ ކަމަށެވެ.
އެމްޑީޕީން މިހާރު އަމަލުކުރަމުން އަންނަނީ އިންތިހާބެއް ކައިރީވީމާ ކެންޑިޑޭޓަކު ނަގައިގެން ބުރަ މަސައްކަތެއް ކޮށް އެ ކެންޑިޑޭޓަކު ހޮވާފައި އެ ހިސާބުން އަތޮޅުތަކުގެ މީހުން މަތިން ހަނދާން ނައްތާލުން ކަމަށާއި އެގޮތް ބަދަލުވާން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރަށްރަށުގެ އެމްޑީޕީ ގޮފިތަކުން ކުރާ މަސައްކަތުގައި ޕާޓީގެ ފަރާތުން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް ކޮންމެ ރަށަކުން ވެސް އަންނަ ކަންބޮޑުވުމަކީ ޕާޓީއަކާ އެއްވެސް ގުޅުމެއް ޕާޓީގެ މެމްބަރުންނަކާ ނެތޭ. ޕާޓީގެ ހަރަކާތެއް ރަށުގައެއް ނުހިންގެއޭ. ޖަގަހައެއް އެއްޗެއް ހިންގަން ވެސް އެހީތެރިކަމެއް ނެތޭ. މިހެން އޮތް އެއްޗެއް. ބޮޑު ސިންގާ އެއްޗެއް މިހެން އޮވެގެން ދެން ދަނީ ދާނެ ގޮތަކަށް،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، މިހާތަނަށް އޭނާ 115 ރަށަކަށް ކެމްޕޭނަށް ވަޑައިގަތް ކަމަށާއި، އެ ހުރިހާ ރަށަކުން ކުރަނީ އެއް ޝަކުވާއެއް ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕާ އާންމު މެމްބަރުންނާ އަދި ހަރުގެ ބަލަހައްޓާ އިސް މީހުންނާ ގުޅުން ނެތްކަމުގެ ޝަކުވާ ލިބެމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ޖަގަހެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުންނަ ޖެހޭކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އޭނާގެ ކެމްޕޭން ސްލޯގަންގައި ޔަގީންކަން ދެއްވަނީ އަމާޒެއް ނެތި އޮވެ ދާން ޕާޓީ ދޫކޮށްނުލައްވާނެ ކަމެވެ.
މީގެ އިތުރުން ފާއްޔާޒު ވިދާޅުވީ، ރާއްޖޭގެ އުއްމީދަކީ ވެސް މުސްތަގުބަލަކީ އެމްޑީޕީ ކަމަށެވެ. އެމްޑީޕީއަށް ދެރަގޮތެއްވާނަމަ އެކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށާއި، އެ ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުތަކެއް އޮންނަ ޕާޓީއަކަށްވުމުން، އެތެރޭގެ އިންތިހާބުތައް ފޯރިގަދަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މި ގައުމުގެ އުއްމީދަކީ ވެސް މުސްތަގުބަލުގެ އުއްމީދަކީ ވެސް މި ޕާޓީ. މި ޕާޓީއަށް ވާ އެއްޗެއް މި ގައުމަށް ވާނީ. އަޅުގަނޑުމެން ނުކުމެ މިތިބީ މި ޕާޓީގައި އޮތް ޑިމޮކްރެޓިކް ފަލްސަފާގެ ތެރެއިން އަޅުގަނޑުމެންގެ ވިޝަންއެއް އޮވެގެން. އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ޓްރާންސްޕޭރެންޓް ޕާޓީއަކަށް ވާތީ މި ކަހަލަ އިންތިހާބުތަކުގައި ވަރަށް ފޯރިގަދަ ކެމްޕޭނެއް މިދަނީ،" ފައްޔާޒް ވިދާޅުވި އެވެ.
ޗެއާޕާސްގެ އިންތިހާބުގެ ވާދެވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޗެއާޕާސަންގެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު