ރަހުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވަައި ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ އިހުމާލުން ދޫވި މީހުންގެ މައްސަލަ އަންނަ އާދއިްތަ ދުވަހުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މަހުގެ 17 ގެ ކުރިން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރަން އޮންނަ 60 ދުވަހުގެ މުއްދަތު އަންނަ ހަފުތާގެ ނިޔަލަށް ހަމަވާނެއެވެ.
އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލީ، އޭނާ ދިރިއުޅުނު އިމާރާތް މ. ސްޕެޓީއުލާ ގޭ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީގެންނެވެ.
އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ދައުލަތުން އުފުލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހ. އަންނާރުމާގޭ/ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ/ އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން ގދ. ގައްދޫ/ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ/ ހަސަން ޝިފާޒާއި މ. ތާއިފް/ އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ/ އީސްޓް، ހުސައިން ޒިޔާދެވެ.
މި މައްސަލައިގައި ދެމީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ.
އޭގެ ތެރެއިން ހައިޝަމުގެ މައްޗަށް ކުށް ސާބިތުވީ، ޔާމީން މަރާލަން ދިން ހަމަލާ ރާވައި، ޓާސްކުތައް ހަވާލުކޮށް އަމަލީ ގޮތުން އެކަން ކުރި ފަރާތް ކަމަށް ސާބިތު ވުމުންނެވެ. ޒިހާންގެ މައްޗަށް ކުށް ސާބިތުވީ، މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އޭނާ ބައިވެރިވެފައިވާ ކަން ސާބިތުވެގެންނެވެ.
ނަމަވެސް މުހައްމަދު ދިފްރާނާއި ހަސަން ޝިފާޒާއި އިސްމާއިލް ރަޝީދު އަދި ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެއީ ދައުލަތުން ހުށަހެޅި ހެކިތަކުން ގަސްތުގައި މީހަކު މަރައިލި ކަން އެމީހުންގެ މައްޗަށް ސާބިތު ކުރުމަށް ބަލާ ރުކުންތައް ހަމަ ނުވާތީއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވެސް އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައިވެއެވެ. އެ އޮފީހުން ބުނެފައި ވަނީ، ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ މި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު