އެއްވެސް ޖޫރިމަނާއަކާ ނުލައި، މި މަސް ނިމެންދެން ހިޔާ ފްލެޓްތަކުގެ ކުލި ދެއްކޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ އެއްބަސްވުމުގެ ހަ ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީގެ ތެރެއިން މިމަހު ދައްކަން ޖެހޭ ފައިސާ މިއަދުގެ ކުރިން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުލި ދައްކާ މުއްދަތު ފަސްކުރިޔަސް އިތުރު ޖޫރިމާނާއެއް ނަރާނެ ކަމަށް ބުންޏެވެ.

ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގައި ވެސް ކުލި ދެއްކުމުގެ އެންމެ ފަހުގެ ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސްކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހެނީ އެޗްޑީސީގެ ޕޭމަންޓް ޕޯޓަލްއިން އޮންލައިންކޮށެވެ. އޮންލައިންކޮށް ދައްކަން ބޭނުންނުވާ ފަރާތްތައް އެޗްޑީސީގެ ކައުންޓަރަށް ގޮސްވެސް ކުލި ދެއްކޭއެވެ.

އެޗްޑީސީން ބުނީ، ކުލި ދެއްކުމުގެ ކަންކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް މާދަމާއިން ފެށިގެން ކޮންމެ ރެއަކު 8:00 އިން 11:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާގައި ދިރިއުޅެމުންގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުން،” އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. ހިޔާ ފުލެޓުތަކުން ކުލި ނަގަން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ފަސްކޮށްދެމުން ދިއުމަށްފަހުއެވެ. އެންމެ ފަހުން ސަރުކާރުން ކުލި ފަސްކޮށްދީފައިވަނީ މިދިޔަ ޑިސެމްބަރު މަހުުގެ ތެރޭގައެވެ. އޭރު އިތުރު ތިން މަސްދުވަހަށް ހިޔާ ފުލެޓުތަކުގެ ކުލި ފަސްކޮށްދިނުމަށް ނިންމިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ތިން މަސްދުވަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ ނިޔަލަށެވެ.

ފްލެޓްތަކުން ކުލި ނަގަން ފެށުމުން ކުލި ނެގުން ހުއްޓާލަން ހިޔާ ޔޫނިއަނުން ވަނީ ހަމަ އެދުވަހު ގޮވާލައިފައެވެ. އެ ޔޫނިއަނުން ބުނީ، ހިޔާ ފުލެޓުތަކުން ކުލި ނެގުމަށް އެޗްޑީސީން އިއުލާންކޮށްފައިވީ ނަމަވެސް، ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި މެއިންޓެނެންސް ފީ ހިމެނޭ ގޮތަށް ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ.

އެ ޔޫނިއަނުން ބުނި ގޮތުގައި، އެ ސަބަބުތަކުގެ އިތުރުން ހިޔާ ޝަހަރުގައި ހުރި އެތަށް މައްސަލަތަކާއި ވަކިވަކި ފަރުދުންގެ ހާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ހިޔާ ފުލެޓުތަކުގެ ކުލި ނެގުން އަދި އަވަހެވެ. އަދި ހިޔާ ފުލެޓުތަކުގެ ވެރިން ކުލި ނުދައްކާ މަޑުކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.

މެއިންޓަނެންސް ފީއާއެކު ހިޔާ ފްލެޓްތަކަށް މި މަހުން ފެށިގެން މަހަކު 8،500 ރުފިޔާ ދައްކަން އެޗްޑީސީން ވަނީ އަންގައިފަ އެވެ. ނަމަވެސް، އެ ކުލި ބޮޑުކަމަށް ބުނެ، އެ ކުލި ނުދެއްކުމަށް ހިޔާ ޔޫނިއަނުން ވަނީ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ގޮވާލައިފައެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ ސްޕޯކްސްޕާސަން އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކަން ހިޔާ ޔޫނިއަނުން ގޮވާލި ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން މިހާރު ވެސް ކުލި ދައްކަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ވަަރަށް ކަންބޮޑުވާ ކަމެއް ހިޔާ ޔޫނިއަނުން އެކުރަނީ. އެފަރާތްތަކުން އެ ހިތްވަރުދެނީ ގާނޫނީ ގޮތުން ހަދާފައިވާ އެގްރީމަންޓަކާ ހިލާފުވުމަށް" މަޝާރު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނީ ފިނިޝިން މަސައްކަތް އަމިއްލައަށް ނިންމާ ގޮތަށް ކަމަށް ވުމުން ކުލި ނުނަގާ ހަ މަސް ދުވަސް އެޗްޑީސީން ވަނީ ދީފަ އެވެ. ނަމަވެސް ހިޔާ ޔޫނިއަނުން ވަނީ ގިނަ ފްލެޓްތައް އަދިވެސް ނުނިމޭ ކަމަށް ބުނެ، 5،600 ރުފިޔާއަށް ކުލި ކުޑަކޮށްދޭން އެދިފައެވެ.

ހިޔާ ޔޫނިއަނުން ވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ފްލެޓް ލިބުނު 2،177 މީހުންގެ ސޮޔާއެކީ ސަރުކާރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އަދި ކުލި ކުޑަކޮށްދިނުމަށް އެދި 1،900 މީހުންގެ ވަކިވަކި ސިޓީތަކެއް އެޗްޑީސީއަށް ހުށަހަޅާފައިވެއެވެ.