އިނގިރޭސި ޕްރިމިއާ ލީގުގެ "ޓައިޓަލް ޑިސައިޑިން" މެޗެއްގެ ގޮތުގައި އޮތް ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.
ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗަށް ދެޓީމުންވެސް ނުކުތީ ލީގުގެ ތަށްޓަށް ވިސްނައިިގެންނެވެ. މެޗަށް ނުކުތް އިރު، ދެޓީމުގެ ދެމެޗުގައި އޮތް ފަރަގަކީވެސް އެންމެ ޕޮއިންޓެކެވެ. ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. މިރޭގެ މެޗު ލައިގެން ދެޓީމަށްވެސް ހަތް މެޗު ލީގުގައި ބާކީ އޮތް އިރު، މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ މިރޭގެ މެޗަކީ ފައިނަލަކަށް ވާނެ ކަމަށް ދެކެވެމުން ދިޔަ ވާހަކައެވެ.
ސިޓީ އާއި ލިވަޕޫލަކީ މިދިޔަ ހަތަރު ފަސް ވަރަކަށް އަހަރު ދުވަހުވެސް އިނގިރޭސި ފުޓުބޯޅައިގައި އެންމެ ވާދަވެރިކޮށް ފެނުނު ދެޓީމެވެ. ހާއްސަކޮށް ލީގުގައި ދެޓީމުގެ ވާދަ ފެނުނީ ބޮޑު ކޮށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް، އެއް ކޯޗު އަނެއް ކޯޗަށް މެޗުގެ ކުރިން ތައުރީފުކޮށް މިރޭގެ މެޗަށް ނުކުތީ ލީގު "ޔަގީން" ކުރަން ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް މެޗަށް ހަމަހަމަ ނިމުމެއް އައިސް އަނެއްކާވެސް ލީގުގެ ފަހު މެޗުތަކަށް މިވަނީ ބޮޑު އިންތިޒާރެއް ކުރަން ޖެހިފައެވެ. ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ތާވަލުގައި މާ ބޮޑު ފަރަގެއް އަތުލެވޭ ގޮތެއް ނުވިއެވެ.
މެޗު ފެށީ ދެޓީމުންވެސް ޕްރެޝަރުގައެވެ. ގޯސްތައް ކޮންމެވެސް ވަރަކަށް ފެނުނުވެސް މެއެވެ. ހާއްސަކޮށް ލިވަޕޫލްގެ ފަހަތުން މެޗުގެ ކުރީކޮޅުގައި ގޯސްތައް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަސް މިނެޓު ތެރޭގައި ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައި ސިޓީ ލީޑުވެސް ނެގިއެވެ. ފުރަތަމަ ސިޓީއަށް ލިބުނު ފުރުސަތުގައި ރަހީމް ސްޓާލިން ޖެހި ބޯޅަ އެލިސަން ބެކާ މަތަކުރި ނަމަވެސް، އޭގެ ދެމިނެޓް ފަހުން ކެވިން ޑިބްރޭނާ ޖެހި ބޯޅަ، ޖޮއެލް މަޓިޕް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ދިޔުމުން އެލިސަންއަށް ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. އެ ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައިވެސް ޖެހިފައެވެ.
އެ ގޯލަށް ޖަވާބު ދޭން ލިވަޕޫލަށް މަޖުބޫރުވެ، ކުރިއަށް ޖެހިލިއެވެ. އެޓޭކަށް ބޯޅަތައް ސަޕްލައިކޮށް، ދެ އަރިމަތިން އެލެކްސެންޑްރާ އާނޯލްޑާއި އެންޑީ ރޮބަޓްސަންވެސް ކުރިއަށް ޖެހިލިއެވެ. ނަތީޖާއެއްގެ ގޮތުން 13 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެސިސްޓް ކޮށްދިނީ އާނޯލްޑެވެ.
ފުރަތަމަ ހާފުގައި އިތުރު ފުރުސަތުތައް ދެޓީމަށްވެސް ލިބުނެވެ. ގެބްރިއަލް ޖީސަސްގެ ފަރާތުން ލިވަޕޫލަށް ނުރައްކާތައް ކުރިމަތިވި އިރު، އޭނާ ވަނީ މެޗުގެ 36 ވަނަ މިނެޓުގައި އަނެއްކާވެސް ސިޓީއަށް ލީޑު ނަގައިދީފައެވެ. އަރިމަތިން ޖާއޯ ކާންސެލޯ ނެގި ހުރަހަށް ކުރިއަށް ޖެހި ޖީސަސް ފޮނުވާލި ހަމަލާ ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހިފައެވެ.
އޭގެ އިތުރުންވެސް ސިޓީގެ ޑިބްރޭނާގެ އިތުރު ނުރައްކާތެރި ހަމަލާއެއް ފާހަގަވި އިރު، އޭރިއާ ތެރެއިން ޑިބްރޭނާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގެ ގޯސްތަކުން އަރައިގަންނަން ލިވަޕޫލުން ހޯދި އެންމެ ބޮޑު ހިތްވަރަކީ ދެވަނަ ހާފަށް ނުކުމެ މިނެޓެއް ތެރޭގައި ނަތީޖާ ހަމަހަމަ ކުރުމެވެ. މުހައްމަދު ސަލާހު ސިޓީ ޑިފެންސް ތެރެއިން ދުއްވާލި ހިތްގައިމު ޕާހަކަށް ކުރިއަށް ޖެހި މާނޭ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
އެ ގޯލާއެކު ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެޓޭކަށް ދާއިރު ދެޓީމުގެ ފަރާތުންވެސް ނުރައްކާތައް ފާހަގަވެގެން ދިޔަ އިރު، ދެވަނަ ހާފުގައިވެސް ސިޓީގެ ޖީސަސްއަށް ވަނީ ގޯލު ޖަހަން ދެ ފުރުސަތެއް ލިބި ބޭކާރުކޮށްލައިފައެވެ. އަނެއްކޮޅުން ސަލާހް ޖެހި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުނުވެ ދިޔައީ ހަމަ ކިރިޔާއެވެ.
މިރޭގެ މެޗުން ނުކުތް ނަތީޖާއާއެކު މިވަގުތު ސިޓީ އެއްވަނައިގައި އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލަށް 31 މެޗުން ލިބިފައި ވަނީ 73 ޕޮއިންޓެވެ. ލީގުގައި ބާކީ ދެން ކޮންމެ ޓީމަކަށްވެސް އޮތީ ހަތް މެޗެވެ. އެ މެޗުތަކާއެކު ލީގުގެ ޗެމްޕިއަން ޓީމު ޔަގީން ވެގެންދާނެއެވެ. މިވަގުތުގެ ނަތީޖާއާއެކު ފުރުސަތު ބޮޑުކޮށް އަދިވެސް އޮތީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު