އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން، 30 އާއި ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ހުއްޓައި މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހްއާ ދެމެދުގައި ގާތް ގުޅުމެއް އޮތް ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

ދައުލަތުން އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިސްޓް ޖަމާއާތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި މިއަދު އޮތް ޝަރީއަތުގައި އަމީންއާ ދެކޮޅަށް ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ބުނީ ޓެރަރިޒަމްގެ މައްސަލަތަކާ ގުޅިގެން އަމީންއާ ސުވާލުކޮށްފައިވާނެ ކަމަށާއި އަދި އަމީންއަކީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން މަސައްކަތްކުރާ މީހެއް ކަމަށެވެ.

ހެކިވެރިޔާ ބުނީ، ބައިނަލްއަގުވާމީ ލެވެލްގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވަރަށް ގިނަ ގައުމުތަކުން ކޮށްފައިވާ ޔަހްޔާ އާއި އަމީންއާ ދެމެދު ގާތްގުޅުމެއް އޮތް ކަމަށެވެ. އެގޮތުން އަމީން ދިރިއުޅުނު ގެ ކައިރިން ދެ ފަހަރެއްގެ މަތިން އޭނާ ޔަހްޔާ ބައްދަލުކޮށްފައި ކަމަށާއި ޔަހްޔާއަކީ ހަރުކަށިފިކުރުގެ ބޮޑު މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ޕްރޮމޯޓުކުރުމަށްފަހު ފަހުން ހަނގުރާމައަށް ދިޔަ ޝިފާޒް ނަމަކަށް ކިޔާމީހަކާއި އަލީ އާދަމް ކިޔާ މީހަކާ ވެސް އަމީން ބައްދަލުކުރި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އަމީންގެ ދިފާއީ ވަކީލު އިސްމާއިލް ވިޝާމު ޝަރީއަތުގައި ވާހަކަ ދައްކަމުން ވިދާޅުވީ އޭނާގެ މުވައްކިލު ބަންދުކޮށްފައިވަނީ މާފުށި ޖަލުގައި ވަކިން ހަދާފައި ހުންނަ ގޮޅިއެއްގައި ކަމަށެވެ. އެއީ އެހެން ގައިދީންނާއި އަމީންއާ ދެމެދު ތަފާތު ކުރުން ގެންގުޅޭ ކަމެއް ކަމަށާއި މީގެ ކުރިން ބޭއްވި ޝަރީއަތުން އެ މައްސަލަ ބަލައިދެއްވާނެ ކަމަށް އަންގާފައިވާ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ، އަމީންގެ ފަރާތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަރެކްޝަންސްއިން އެކަން ސާފު ކޮށްފައިވާނެ ކަމަށެވެ. ކަރެކްޝަންސްއިން މައުލޫމާތު ދިނީ އަމީންއާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި ބޭސްފަރުވާގެ ހިދުމަތް ވެސް އެހެން ގައިދީންނެކޭ އެއް ގޮތަށް އަމީންއަށް ވެސް ދެމުންދާ ކަމަށެވެ.

ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އަމީން ބުނީ، ކަރެކްޝަނުން އޭނާ އަދިވެސް ބަންދުކޮށްފައިވަނީ ވަކި ގޮޅިއެއްގައި ކަމަށެވެ. އެއީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އެހެން މީހުންނާ މެދު ވެސް ޖަލުގައި އަމަލު ކުރަމުންދާ ގޮތެއް ނޫން ކަމަށާއި ޖަލުގައި ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރު އޭނާގެ ފުށުން އަލާމާތްތައް ފެނުމުން ވެސް ކަރެކްޝަނުން އަޅައިނުލާ ކަމަށެވެ.

އަމީންގެ ވާހަކަތައް އަޑުއެހުމަށްފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ. އެ މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކި ބަސް ނެގުމާއި އަމީންގެ ޝަކުވާތައް ދައުލަތުން އިތުރަށް ސާފުކޮށް ޖަވާބު ދިނުން ކަމަށެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ 23 އޮކްޓޯބަރު 2019 ވަނަ ދުވަހުއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އަމުރު ބާތިލުކޮށް ކުރިމިނަލް ކޯޓުގެ އަމުރު ދަމަހައްޓައިފައެވެ.

އަމީނާ ގުޅުންހުރި ބައެއް މައްސަލަތަކުގެ ހެކި ހޯދަން ފުލުހުން ވަނީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަމަށް އެދިފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި ޝަރީއަތެއްގައި އަމީންއާ ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ފޮރެންސިކް ޑައިރެކްޓޮރޭޓުގައި މަސައްކަތްކުރާ ޖުމާން އަބްދުއްރަހީމް ވިދާޅުވީ އަމީންގެ ފޯނުގެ ފޮރެންސިކް އެނަލިސިސް ހަދާފައިވާނެ ކަމަށެވެ. އަދި އެނަލިސިސް ހެދުމަށްފަހު އޭގެ ރިޕޯޓު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަމީންގެ ފޯނުން އޭނާގެ މައްޗަށް ދައުވާކުރާ ކުށްތަކާ ގުޅުން ހުރި ހެކިތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ހަތްވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ވެސް އަމީނަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރަން އުޅުމުން ވަނީ ފިލައިގެން ސްރީ ލަންކާ އަށް ގޮސްފައެވެ. އެއާއެކު އޭނާ ހޯދަން އިންޓަޕޯލް ރެޑްނޯޓިސް ނެރުނެވެ. ސްރީލަންކާ އިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުންދާ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދޭކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.