އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.
ފައްޔާޒުގެ އިތުރުން ޗެއާޕަސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭން މެނޭޖަރު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ އެމްޑީޕީގެ ވަރަށް ގިނަ އާންމު މެމްބަރުން ފައްޔާޒުއާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާތީ، އިންތިގެ ފަރާތުން އެ ޝަކުވާތައް ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިހާރު އެ ކޮމިޓީން އެ ޝަކުވާތައް ބަލަން ފަށާފައިވާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރަށްރަށަށް ކެމްޕޭނަށް މި ދަތުރުތައް ކުރާއިރު، ހަމަ ހުރިހާ މީހުން، ވަރަށް ގިނަ މީހުން އެބަބުނޭ އަނެއް ކެނޑިޑޭޓް ބިރު ދައްކަނީ ކަމަށް ނުފޫޒް ފޯރުވަނީ ކަމަށް، ރަށްރަށުގައި ހުންނަ ސަރުކާރުގެ އޮފީސްތަކުގެ ވަސީލަތް ބޭނުންކުރާ ކަމަށް، އަދި އެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޅަނދުތައް ބޭނުންކުރާ ކަމަށް، އެ ހުރިހާ ކަމެއް ހުށަހަޅާފައިވަނީ، މިއަދު އެކަމާ ބެހޭ ކޮމިޓީން ވަނީ އެ ކަންތައްތައް ބަލަން ފަށައިފަ،" ވައްޑެ ވިދާޅުވިއެވެ.
ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ އިންތިހާބަށް އެކުލަވާލާފައި އޮތް ޝަކުވާ ބަލާ ކޮމިޓީން ފައްޔާޒުގެ މައްސަލަ ވަކި އަތަކަށް ބުރަނުވެ ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
އިންތިގެ ޓީމުން ފައްޔާޒާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، އެ ހުރިހާ ތުހުމަތުތަކެއް ފައްޔާޒުގެ ޓީމުން ވަނީ ދޮގުކޮށްފައެވެ. ފައްޔާޒުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ، ފައްޔާޒުއާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާކަން ކޮމިޓީން އަންގާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީން މައްސަލައެއް ބަލަމުންދާނަމަ އެކަމަށް ފައްޔާޒުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ވަހީދު ވިދާޅުވީ، ފައްޔާޒަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ކޮމިޓީން ބަލައިދިނުމަށް ފައްޔާޒުގެ ފަރާތުން ވެސް ބޭނުންވާ ކަމަށެވެ. އަދި އެކަމުން ހުރިހާ ތުހުމަތެއްގެ އަސްލު ސާފުވެގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެންނަކަށް ނެތް އަންގާފައެއް ފައްޔާޒުގެ މައްސަލައެއް ބަލަމުންދާ ކަމަކަށް. ތިކަހަލަ ވާހަކައެއް އަޑުއެހިން. ބޭނުންވަނީ ވެސް އެ ހުރިހާ ތުހުމަތުތަކެއް ބެލުން. އެއިރުން ހަގީގަތް އެގޭނެ،" ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ރޯދަމަހަށްވުމުން ފައްޔާޒުގެ ފަރާތުން ވަނީ އިންތިހާބު ބާއްވާ ދުވަސް ފަސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމުގައި ފައްޔާޒުގެ ފަރާތުން އެދުނީ މެއި މަހުގެ 14 ވަނަ ދުވަހަށް އިންތިހާބު ބޭއްވުމަށެވެ.
ޗެއާޕާސްގެ އިންތިހާބުގެ ވާދެވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު