ކްރިސްޓިއާނޯ ރޮނާލްޑޯ

އެރި ރުޅީގައި އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލެވުމުން ރޮނާލްޑޯ މައާފަށް އެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު ޑްރެސިން ރޫމް ތެރެއަށް ވަންނަން ދިޔަ ދިޔުމުގައި ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް ހޫރާ ޖަހައި، ހަލާކުކޮށްލައިފައެވެ.

ރޮނާލްޑޯ ރުޅިގަދަވެ ފޯނު ބިމަށް ޖަހައި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ރޭގެ މެޗަށްފަހު އާންމުވުމާ އެކު، އެކަމަށް ޖަވާބުދާރީވުމުގެ ގޮތުން ރޮނާލްޑޯ ވަނީ މައާފަށް އެދިފައެވެ. ރޮނާލްޑޯ މައާފަށް އެދިފައިވަނީ އެވަޓަންގެ ސަޕޯޓަރުން ރޮނާލްޑޯގެ މައްސަލަ ފުލުހާ ހަމައަށްވެސް ގެންގޮސްފައި ވަނިކޮށެވެ.

"އުނދަގޫ ހާލަތްތަކުގައި ކުރިމަތިވާ ޖަޒުބާތުތަކަކީ ބައެއް ފަހަރު ކޮންޓްރޯލުން ނެއްޓިގެންދާ ކަމެއް. އެހެން ނަމަވެސް އަހަރެން ގަބޫލުކުރަން، ފުޓުބޯޅަ ދެކެ ލޯބިވާ އެންމެހާ ފަރާތްތަކަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެ ކަމަށް. އަދި އެ ހުރިހާ ޖަޒުބާތުތަކާވެސް ކުރިމަތިލާން ޖެހޭނީ ކެތްތެރިކަމާ އެކުގައި ކަމަށް. އަހަރެން ބޭނުން އެ ސަޕޯޓަރަށް ޔުނައިޓެޑް ދަނޑަށް މެޗެއް ބަލަން ދިއުމަށް ދައުވަތު ދޭން. އެއީ ފެއާޕްލޭއާއި ސްޕޯޓްސްމަންޝިޕް ދެއްކުމުގެ ގޮތުން،" އުމުރުން 37 އަހަރުގެ ރޮނާލްޑޯ ޕޯސްޓް ކުރި މެސެޖުގައިވެއެވެ.

ޔުނައިޓެޑްގެ ތަރުޖަމާނު މީޑިއާއަށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރޮނާލްޑޯ، އެވަޓަން ސަޕޯޓަރުގެ ފޯނު އެއްލާލި މައްސަލައިގައި ފުލުހުންނަށް ޖަވާބުދާރީވާންޖެހޭ ކަންކަމުގައި ކްލަބްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އިއްޔެގެ މެޗުގައި ރޮނާލްޑޯ ފެނުނީ މާޔޫސް ކޮށެވެ. ޔުނައިޓެޑްގެ ކުޅުންތެރިން ފަރާތުން ކުރިއަށް ކުޅުނު ބޯޅަތައް މަދުވުމުން ރޮނާލްޑޯ މާޔޫސްވެފައި ހުރިކަން މެޗު ތެރެއިންވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން މެޗު ނިމެން ދަނިކޮށް، އެއްލުމަކަށް ދިޔަ ބޯޅައެއް ދަނޑު ތެރެއަށް ވަނުމުން، އެ ބޯޅަ އެއްލަން ދިނުމުގެ ބަދަލުގައި ރޮނާލްޑޯ ޖެހީ އެވަޓަން ބެންޗާ ދިމާލަށެވެ. އެ ކަމަށްޓަކައި، ރެފްރީ ޖޯން މޮސް ވަނީ ރޮނާލްޑޯއަށް ރީނދޫ ކާޑެއްވެސް ދައްކައިފައެވެ.