އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި އެޓީމުން ސައުތުހެމްޓަން ކައިރީ ބޮޑު ތަފާތަކުން މޮޅުވި އިރު، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތަކުން އެޓީމުތައް ބަލިވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ރަށުން ބޭރުގައި ސައުތުހެމްޓަން ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ހަވީރު ކުޅުނު މެޗުގައި 17 ވަނައިގައި އޮތް އެވަޓަން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އާސެނަލް މިރޭ ކުޅުނު މެޗުގައި ބްރައިޓަން އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާއާއެކު ޗެލްސީން ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 30 މެޗުން 62 ޕޮއިންޓާ އެކުގައެވެ. އާސެނަލް އާއި ޔުނައިޓެޑުންވެސް ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުންދާ އިރު، ބައްޔާއެކު ދެޓީމަށްވެސް ވަނީ ގަދަ ހަތަރެއްގެ އުންމީދު ފަނޑުވެފައެވެ. އާސެނަލް މިވަގުތު ފަސްވަނައިގައި އޮތީ 30 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ހަތް ވަނައަށް ވެއްޓިފައިވާ އިރު، އެޓީމަށް 31 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. މިވަގުތު ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް 30 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އެޓީމުން އެސްޓޮން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ، ހަތަރުވަނައިގައި ހަމަޖެހިލާނެއެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތް އިރު، އިދިކޮޅަށް ނުކުތް އެވަޓަން އޮތީ ދަށް ފޯމެއްގައެވެ. ޓީމުގެ ކޯޗު ކަމާ އަލަށް ހަވާލުވި ފްރޭންކް ލެމްޕާޑުގެ އިރުޝާދުގެ ދަށުން އެޓީމު ކުޅެފައިވާ ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފައި އޮވެ އެވަޓަން މިއަދުގެ މެޗަށް ނުކުތީ ޕްރިމިއާ ލީގުގައި ދެމި އޮތުމުގެ އުންމީދަށް ތިން ޕޮއިންޓް ހޯދުމަށެވެ.

އެޓީމުން ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ ފުރަތަމަ އެންތޮނީ ގޯޑޮން ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ގޯޑޮން ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ގޯލަށް ވަނީ ކެޕްޓަން ހެރީ މެގުއާ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

އާސެނަލްއިން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންއިން ލީޑު ނެގީ ލެއަންޑްރޯ ޓްރޮސާޑު ޖެހި ގޯލުންނެވެ. ދެވަނަ ހާފުގައި ބްރައިޓަންގެ އެނޮކް ވެޕޫ ވަނީ ބްރައިޓަންގެ ލީޑު ފުޅާވެސް ކޮށްދީފައެވެ. ފަހަތުން އަރަން ބުރަކޮށް މަސައްކަތް ކުރި އާސެނަލްގެ ހަމައެކަނި ގޯލަކީ މެޗު ނިމިނިމި އޮއްވައި މާޓިން އޮޑެގާޑް ޖަހައިދިން ގޯލެކެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތީ މިދިޔަ ދެ މެޗުން ވި ބޮޑު ދެ ބަލި ހަނދާން ނައްތާލުމަށެވެ. ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ބްރެންޓްފޯޑު އަތުން ޗެލްސީ ބަލިވެފައި އޮތް އިރު، މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައިވެސް ޗެލްސީ ވަނީ ރެއާލް މެޑްރިޑް ކައިރީ ބޮޑުކޮށް ބަލިވެފައެވެ.

އެ މާޔޫސްކަން ހަނދާން ނައްތާލަން ނުކުމެ، ޗެލްސީން ވަނީ ރަނގަޅު ފޯމެއްގައި މިރޭގެ މެޗު ފަށައިފައެވެ. ޗެލްސީން ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހި އިރު، މެޗުގައި ޗެލްސީގެ ގޯލުތައް ޖަހައިދިނީ މާކަސް އެލޯންސޯ އާއި މޭސަން މައުންޓާއި ޓީމޯ ވާނާގެ އިތުރުން ކައި ހަވާޓްސްއެވެ. މެޗުގައި މައުންޓާއި ވާނާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.