ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެއަހަރު ހޯދިއެވެ. އެންމެ ގިނަ ގޯލު ޖަހައި ދެ ސީޒަނުގައި ޖެހިޖެހިގެން ރަންބޫޓް ހޯދިއެވެ. އިންޓަނޭޝަނަލް މެޗެއްގައި ރާއްޖެއަށް އެންމެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާއެވެ. ފުޓްބޯޅައަށް ލޯބިކުރާ އެންމެނަށްވެސް އެއީ ކާކުކަން އެނގޭނެއެވެ. ދައްކަން މިއުޅެނީ ގޯލް "މެޝިން" އަލީ ޝިހާމް، އާންމު ނަމުންނަމަ ހުރާ އައްޔަގެ ވާހަކައެވެ.
ފުޓްބޯޅަ އާއިލާއަކަށް އުފަން އައްޔަ، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން އުފެދުނީ އޭނާގެ ބޭބެމުނެގެ ސަބަބުންނެވެ. އޭނާގެ ބޭބެމެން ފަހަތުން ފުޓްބޯޅަ ކުޅެން ދުވުނީއެވެ. އެމީހުން އުޅުނުހާ ގޮތަކަށް އުޅުނީއެވެ. އެންމެ ފަހުން ބޭބެމެންގެ ފުޓްބޯޅަ ދުނިޔެއަށް ރަނގަޅަށް ވަދެވި އައްޔަވެސް ކުޅެން ފެށީއެވެ.
"ބޭބެމެންނަކީވެސް އަސްލު ފުޓްބޯޅަ ކުޅޭ މީހުންނަށް ވާތީވެ، އެމީހުން ކުޅޭތަން ބަލައިގެން އެމީހުންނާއެކު އުޅުމުގެ ތެރޭގައި ވަދެވުނީ. ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު ހުރާއަށް ކޯޗަކަން ކޮށްދޭން ކުޑަ މޫސަ ދާނެ. އޭނަގޮސް އެއިރު ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނީ. އެގޮތަށް ގޮސް އަސްލު ފުޓްބޯޅަ ތެރެއަށް ވަދެވުނީ،" ވަން މީޑިއާ ގްރޫޕުގެ ޑިޖިޓަލް ޓީވީ، "ވަން ޕްލަސް" އިން ގެނެސްދޭ "ތަރީންގެ އެހާރާއި މިހާރު" ޕްރޮގްރާމަށް ދިން އިންޓަވިއުގައި އައްޔަ ބުންޏެވެ.
މޮޅު އެތައް ކުޅުންތެރިންތަކެއް ގަލޮޅު ދަނޑަށް ތައާރަފުކޮށްދިން އެމްއީއެސްގައި ތައުލީމު ހާސިލުކުރި ދުވަސްވަރަކީ އައްޔަގެ މަޝްހޫރުކަން ފުޓްބޯޅައިގެ ތެރޭގައި އެންމެ ފުރަތަމަ ފެވުނު ދުވަސްވަރެވެ. އެދުވަސްވަރު އޭނާއަށް ޓީމުތަކުން "އޮފާ"ތައް އޮތީ ފުނިޖެހިފައެވެ. ނަމަވެސް ރަށު ޓީމަށް ޖެހިފައި އޮތް ލޯތްބެއްގެ ސަބަބުން ސްކޫލު ދައުރު ނިންމާފައި ގޮސް ރަށު ޓީމަށް ކުޅެންފެށިއެވެ.
އައްޔަ، ހުރާއަށް ކުޅެންފެށި އިރު، އެޓީމު އެއިރު ކުޅެމުންދިޔައީ ދެވަނަ ޑިވިޝަނުގައެވެ. 1996 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ތަށި ހުއްރިއްޔާ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށް އޭގެ އަނެއް އަހަރު މުޅިން އަލަށް އެއްވަނަ ޑިވިޝަންގައި ކުޅެން ފެށިއެވެ. އެއަހަރު ވެގެންދިޔައީ އައްޔައަށް ވަރަށްވެސް ހާއްސަ އަހަރަކަށެވެ.
އެއްވަނަ ޑިވިޝަންގައި ކުޅުނު މޮޅު ކުޅުމާއެކު އައްޔަ ވެގެންދިޔައީ އެއަހަރު ހުއްރިއްޔާއަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އަދި ހަމަ އެއަހަރު ހުއްރިއްޔާއިން ވަނީ ފައިނަލެއްވެސް ކުޅެފައެވެ. އެކަމަކު އެއަހަރު ހުއްރިއްޔާއިން ނިންމައިލީ ހުސްއަތާއެވެ. ނަމަވެސް އައްޔައަށް އެއަހަރު ހާއްސަވި އެއް ކަމަކީ އޭނާއަށް ގައުމީ ޓީމުން ފުރުސަތު ލިބިގެން ދިއުމެވެ.
"97 ހިސާބުގައި ފުރަތަމަ ފަސްޓް ޑިވިޝަނަށް އެރި ހިސާބުން މީހުންނަށް އެނގެން ފެށީ. ހަމަ އެއަހަރު ހުއްރިއްޔާއިން ފަސް ކުޅުން ތެރިން ގައުމީ ޓީމަށްވެސް ގެންގޮސްފި. އެއިރު އުމުރުން 22 އަހަރު،" އައްޔަ ބުންޏެވެ.
ހުއްރިއްޔާ ޖާޒީގައި ކުޅުނު ހުރިހާ ސީޒަނެއްގައިވެސް އައްޔަ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އަދި 1999 އަހަރު ވެގެންދިޔައީ އައްޔަގެ ކެރިއަރު މުޅިން ބަދަލުކޮށްލި އަހަރަށެވެ. އައްޔަ ވަނީ "ހަވީރު" ނޫހުން ހޮވަމުން އައި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އަދި ހުއްރިއްޔާއާއެކު އެންމެ ފުރަތަމަ ޕޮމިސްކަޕް ކާމިޔާބު ކުރީވެސް ހަމައެއަހަރެވެ. އައްޔަ ބުނާގޮތުން އެއީ ހުރާއާއެކު އޭނާ ހޯދި "އެންމެ މެމޮރަބަލް" ކާމިޔާބީއެވެ.
"ފުރަތަމަ ފަހަރު ޕޮމިސްކަޕް ހުއްރިއްޔާއަށް ހޯދި އަހަރު، އެއީ އެންމެ ތާރީހީ މެޗަކީ. އެ ފީލް އަސްލު އަންނަނީ ތަށި ހިފައިގެން ރަށަށް ދިޔައީމަ ކްރައުޑް. އެއީ އަސްލު އެންމެ ހާއްސަ ކަމަކީ. އެފަހަރު ތަށި ހިފައިގެން ދިޔައީމަ އެވީ ފީލްދޯ އަސްލު. އެންމެ ދެރަވި ދުވަހަކީ އެފްއޭ ކަޕްގައި ނިއުރޭންޑިއެޓް އަތުން ބަލިދުވަސް. އެއީ ހުއްރިއްޔާއަށް ކުޅެން ދިޔަ ދުވަސްވަރު،" އައްޔަ ބުންޏެވެ.
ހުއްރިއްޔާގައި އެތަކެއް ކާމިޔާބީއެއް ހޯދުމަށްފަހު އިތުރު ހަރުފަތަކަށް މީހާ ގެންދިއުމުގެ ވިސްނުމުގައި އައްޔަ ނިންމީ އަމިއްލަ ރަށު ޓީމު ދޫކޮށް އެއިރުގެ އެންމެ މަޝްހޫރު އެއް ޓީމް ވެލެންސިއާއަށް ބަދަލުވުމަށެވެ. އައްޔަ ބުނިގޮތުގައި ވެލެންސިއާއަށް ކުޅުމަކީ އޭނާގެ "ޑްރީމެ"އް ކަމަށެވެ.
"ވެލެންސިޔާއަށް ބަދަލުވީ ކެރިއާއަށް ވިސްނާފަ. އެއް އަހަރު ކުރިން ވިސްނިން ކްލަބް ބަދަލުކޮށްލަން. ކޮންމެ މީހެއްގެވެސް ހުންނާނެ ދޯ ގޯލްތަކެއް. އަޅުގަނޑަށް އެއިރު ގޯލްޑެން ބޫޓެއް ނުލިިބޭ، ރާއްޖޭގައި އެއިރު ބާއްވާ ހުރިހާ މުބާރާތެއްގައި އޮންނާނެ މޮޅު ކުޅުންތެރިޔާ ހޮވުން. އެވެސް ނުލިބޭ. މޯލްޑިވިއަން ފުޓްބޯލާ އޮފްދަ އިޔާ ލިބުނު އެއަހަރު ހުއްރިއްޔާގައި ހުރިއިރު 1999ގައި. ނަމަވެސް އެއަށްވުރެ އިތުރު ފުރުސަތުތަކެއް ހޯދުމަށްޓަކައި އަސްލު ވެލެންސިއާއަށް ބަދަލުވީ. ވެލެންސިއާ އަށް ބަދަލުވުމަކީ އަސްލު ވަރަށް ބޮޑު ޑްރީމެއް. މާކުރިންވެސް ވެލެންސިއާއަށް ކުޅެން ހިތުގައި އޮތް. ވަރަށް ބޭނުންވި ކަމެއް. އެހެންވެ ވެލެންސިއާއަށް ބަދަލުވީ،" އައްޔަ ބުންޏެވެ.
ރަށު ޓީމް ދޫކޮށް ވާދަވެރި ވެލެންސިއާއަށް ބަދަލުވުން ވެގެންދިޔައީ އައްޔައަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. ރަށުގެ މީހުންނާ މޫނު ކެނޑި، ބައެއް ރައްޓެހިންވެސް އޭނާއާ ވާހަކަ ދެއްކުން ހުއްޓާލިއެވެ.
"ވަރަށް ގިނަ ކަންކަމާ ދިމާވި، އެއިރު އިނީ ޕޮމިސްކަޕް މިލްކު ކުރަން. މިލްކު ކުރަން އޮއްވައި ކުއްލިއަކަށް ޓީމުން ގިނަ ކުޅުންތެރިންތަކެއް މާލޭ ކްލަބްތަކަކަށް ބަދަލުވުން އެއީ އެމީހުން ހިތްހަމަ ނުޖެހުނު ކަމެއް. އެ ހިތްހަމަ ނުޖެހުމާ އެކުވެސް އަޅުގަނޑު ބަދަލުވީ. ރަށުން ބައެއް މީހުން ވާހަކަވެސް ނުދެއްކި. އެއީ ރައްޓެހިންވެސް ދުރުވި ދުވަސްކޮޅެއް،" އައްޔަ ބުންޏެވެ.
ވެލެންސިއާއާއެކު އައްޔަ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން ވެލެންސިއާ އަށް ބަދަލުވި ފުރަތަމަ އަހަރު އޭނާ ވަނީ ރަން ބޫޓް ހާސިލުކޮށްފައެވެ. އަދި ހަމައެހަރު އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެވަނަ ފަހަރަށް ހޯދައިފައެވެ. ޖެހިގެން އައި އަހަރުވެސް އައްޔަ ވަނީ އެންމެ ގިނަ ގޯލު ޖަހައި ދެވަނަ ފަހަރަށް ރަން ބޫޓް ކާމިޔާބުކޮށްފައެވެ. ދެ އަހަރުގެ ތެރޭގައި ވެލެންސިއާއަށް އޭނާ ވަނީ 48 ލަނޑު ޖަހައިދީފައެވެ.
ގައުމީ ޓީމުގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ އެކަކަކީ އައްޔައެވެ. އޭނާއަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ޖާގަ ލިބިގެންދިޔައީ 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައެވެ. ރިހި މެޑަލް ހޯދި ޓީމްގައި އޭނާ ހިމެނުނު ނަމަވެސް އެ މުބާރާތުގައި އޭނާއަށް ކުޅުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އައި އަހަރު ސްރީލަންކާގައި އޮތް ބްރިސްޓަލް ފްރީޑަމް ކަޕްގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ އޭނާގެ އެންމެ ފުރަތަމަ މެޗެވެ.
"1998ގައި ލަންކާގައި ބޭއްވި ބްރިސްޓޮލްކަޕް. އެއީ ވަރަށް ތާރީހީ މެޗަކަށް ވެގެންދިޔައީ. އެމެޗްގައި އަޅުގަނޑު އަރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި. ލާސްޓް މިނެޓްގައި ގޯލް ޖަހައިގެން ލަންކާއާ މެޗް އެއްވަރު ކުރަނީ. އެއީ ގައުމީ ޓީމަށް ކުޅެން ފެށުނު ގޮތް، 1997ގައިވެސް ދިޔައިން ގައުމީ ޓީމަށް ކުޅެން. އެކަމަކު އެއިރު އިނީ ބެންޗްގައި،" އައްޔަގެ ގައުމީ ޓީމުގެ ފެށުން ކިޔައިދެމުން ބުންޏެވެ.
އައްޔަގެ ހަޔާތުގައި އެންމެ ހާއްސަ އެއް މެޗަކީ ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެދިން މެޗެވެ. ބަންގްލަދޭސްގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ބޫޓާން ކޮޅަށް ހަތަރު ގޯލު ޖަހައި ރާއްޖޭގެ ތާރީހުގައި އޭނާގެ ނަން ލިޔެވިގެންދިޔައެވެ. އެއީ ރާއްޖެއިން ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅެން ފެށިތާ 22 އަހަރު ފަހުން ދިވެހި ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ. އެއީ އައްޔައަށް އެންމެ މެމޮރަބަލް މެޗެވެ.
ވެލެންސިއާގެ ކާމިޔާބާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އައްޔަ ދިޔައީ ދިވެހިންގެ ހިތްތައް ފަތަހަ ކުރަމުންނެވެ. އޭނާގެ ކާމިޔާބީވެސް ދިޔައި އެތައް ގުނައަކަށް އިތުރުވަމުންނެވެ. އެގޮތުން 2003 ވަނަ އަހަރު ނިއުރޭޑިއަންޓަށް ބަދަލުވި، އައްޔަގެ މަޝްހޫރުކަން އިތުރުވެ، ޕްރޮޑިއުސަރު އަހުމަދު މޫސާ (އަންމަޓީ)ގެ ވީޑިއޯ އަލްބަމް "ސާދަ ވިލޭރޭ"ގެ ލަވައެއް ކުޅުމަށް ވެސް އައްޔައަށް ފުރުސަތު ލިބިގެންދިޔައެވެ.
އެގޮތުން އެލަވަ އައްޔަ ކުޅެދީފައިވަނީ 20،000 ރުފިޔާއަށެވެ. އެދުވަސްވަރަށް ބަލާއިރު އެއީ ވަރަށްވެސް ބޮޑު އަގެކެވެ. އޭގެ ފަހުންވެސް އޭނާއަށް އެތައް ލަވައެއް ކުޅުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް އައްޔަ ނިންމީ އެއީ އޭނާ ކުޅޭނެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ލަވަ ކަމުގައެވެ. ލަވަ ނުކުޅުނަސް އޭނާ ވަނީ މަޝްހޫރު ބައެއްް އިޝްތިހާރުތަކުގައި ފެނިފައެވެ.
"ފުރަތަމަ އުޅުނީ ނުކުރަން. ދެން އަލީ އުމަރުވެސް ކުޅެން ނިންމީމަ ހިތަށް އެރީ ކުޅެލާނީއޭ. ފުރަތަމަ އެކްސްޕީރިއަންސް އެއީ، އެއީ ހަމަ ފަސްޓް އެންޑް ލާސްޓް. އޭގެ ފަހުންވެސް ވަރަށް ގިނަ ފުރުސަތުތައް ލިބުނު އެކަމަކު ބޭނުމެއް ނުކުރަން. ދެން އެކަމަކު ހުންނާނެ އިޝްތިހާރުތައްވެސް ކުޅެފަ،" އައްޔަ ބުންޏެވެ.
ދެހާސް ތިންވަނަ އަހަރު ނިއުރޭންޑިއެޓަށް ބަދަލުވެ، އައްޔަ ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް އުމުރުން 29 އަހަރުގައި ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރު އޭނާއަށް ޖެހުނީ ފުޓްބޯޅައަށް އަލްވަދާއު ކިޔާށެވެ. 2004 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ފުޓްބޯޅަ ކެރިއަރަށް ނިމުން އައީއެވެ.
"އެއީ ކަކުލަށް ލިބުނު އަނިޔާއަކުން ސަލާމަތް ނުވެވިގެން އިންޖަރީ ވަރަށް ބޮޑުވެ، ހަމަ ކުޅެވޭ ވަރު ނުވާތީ. އެއިރު އުމުރުން 29ވީ ތަނާ. އެއީ ރަށުގައި ކުޅެނިކޮށް 2004 ވަނަ އަހަރު ލިބުނު ގެއްލުމަކުން އެއްގޮތަކަށްވެސް ކުޅެވޭ ގޮތް ނުވި. އެނބުރި ކުޅެން އައިން. އެކަމަކުވެސް ކަކުލަށް އަދިވެސް ތަދުވޭ، މިއުޅެނީ އެކަމުން ސަލާމަތް ނުވެވިގެން. އޮޕަރޭޝަންވެސް ކުރިން. ނަމަވެސް ރަނގަޅެއް ނުވި. އެހެންވެ ހުއްޓާލަން ޖެހުނީ،" އައްޔަ ބުންޏެވެ.
އުމުރުން 47 އަހަރުގެ އައްޔަ މިހާރު މަސައްކަތް ކުރަނީ ފޯސީޒަން ރިސޯޓްސް އެޓް ކުޑަ ހުރާގައެވެ. ރަށާ ޖެހިގެން އޮންނަ ކުޑަ ހުރާގައި 2006 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އައްޔަ އަކީ އެރިސޯޓްގެ ހައުސްކީޕިން ސްޕަވައިޒަރެކެވެ. އައްޔަ ބުނިގޮތުގައި އޭނާގެ މިހާރުގެ "ލައިފް"ވެސް ވަރަށް ސަޅި ކަމަށެވެ.
އައްޔަ ބުނިގޮތުގައި ފުޓްބޯޅަ ކުޅުން ދުވަސްވަރު އޭނާއަށް ލިބިފައިވާ މަޝްހޫރުކަން އަދިވެސް އޭނާގެ ދިރިއުޅުމުގައި ފެންނަމުންދެއެވެ. އެގޮތުން އަދިވެސް މުބާރާތްތައް ރާވައި ހިންގުމަށާއި މުބާރާތްތައް ޝަރަވެރިކުރުމުގެ ދައުވަތު ލިބެއެވެ. ވަކިން ހާއްސަކޮށް ގިނަ ބައެއްގެ އިހުތިރާމު އޭނާއަށް އަދިވެސް ލިބެމުން އަންނަކަމީ އޭނާ މިއަދުވެސް އެންމެ އުފާވާ އެއް ކަމެވެ.
"އަދިވެސް ފެނޭ ހަމަ އެބައިބައި. މާލެ ޖައްސާލީމަ މިހާރުވެސް އެނގޭ ހަމަ. ހާއްސަކޮށް ރާއްޖެތެރޭ ރަށްރަށަށް ދިޔައީމަ އަދިވެސް ރެސްޕެކްޓް އިނދޭ. މިހާރުވެސް ވަރަށް ގިނަ ރަށްރަށުން ގުޅާ މުބާރާތްތައް އޮގަނައިޒް ކޮށްލަން ދާން. ޝަރަފްވެރި މެހުމާނަކަށްވެސް ދާން. ހުންނާނެ ގާތްގަނޑަކަށް މިދިޔަ ދެ އަހަރު ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ދެވިފަ،" އައްޔަ ބުންޏެވެ.
އައްޔަ ބުނިގޮތުގައި ކަކުލަށް އަނިޔާ ލިބުނު ނަމަވެސް ފުޓްބޯޅައަށް ދެވިފައިވާ ހާއްސަ މަގާމެއްގެ ސަބަބުން ކުޅުމާ ދުރަކަށް އަދިވެސް ނުދެވެއެވެ. އެގޮތުން މިހާރުވެސް ރިސޯޓް މުބާރާތްތަކުގައި ކުޅެއެވެ. މިރޯދަ މަހު ހުރާގައި އޮންނަ ބޮޑު މުބާރާތުގައި ކުޅުމަށްވެސް ވަނީ ނިންމައިފައެވެ. އައްޔަ ހުރީ އެމުބާރާތަށް ތައްޔާރަށެވެ.
އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހުމާ ހަމައަށް އޭނާ ދެއްކީ ހުނަރެވެ. އެތައް ކާމިޔާބީއަކުން އޭނާގެ ކެރިއަރު ވަނީ ޖަރީކޮށްފައެވެ. ދިވެހި ފުޓްބޯޅައިގައި އޭނާއަށް ހާސިލް ނުކުރެވި އޮތީ މަދު އެއްޗެކެވެ. މިއަދު އޭނާގެ އޮތް ހިތްހަމަ ޖެހުމަކީ ރަށަށާއި މުޅި ގައުމަށް އޭނާ ހޯދައިދިން ކާމިޔާބީތަކާއި އެތައް ބައެއްގެ ލޯބި ލިބުމެވެ.
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް