ލަމީން ޔަމާލްގެ ބައްޕަ މުނީރު ނަޞްރާވީއަކީ މޮރޮކޯއަށް ނިސްބަތްވާ މީހެކެވެ. ޔަމާލްގެ މަންމަ ޝީލާ އެބާންގް ނިސްބަތްވަނީ އިކުއެޓޯރިއަލް ގިނީއަށެވެ. އެދެމީހުން ބައްދަލުވީ ސްޕޭނުގެ ސިޓީއެއްކަމަށްވާ ބާސެލޯނާގައެވެ. ކައިވެނިކޮށްގެން ޔަމާލް ލިބުނީ 2007 ގައެވެ. ޔަމާލްގެ އުމުރުން ހަތަރު އަހަރުގައި އެ ކައިވެނި ރޫޅި އެދެމީހުންވެސް ވަނީ އެހެން އައުކައިވެނިތަކެއް ކޮށްފައެވެ. ޔަމާލް އުޅެބޮޑުވީ މަންމަގެ ކައިރީގައެވެ. ގެންގުޅެ ތަރުބިއްޔަތު ކުރުމުގައި އެ މަންމަޔަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮަށްދިނީ ޔަމާލްގެ ބައްޕަ ފަރާތު މާމަ ފާތިމާއެވެ. ޔަމާލްގެ މަންމަ ފަރާތު އާއިލާއަކީ ކްރިސްޓިއަން އާއިލާއަކަށްވިޔަސް ޔަމާލް ބޮޑުވީ މުސްލިމެއްގެ ގޮތުގައެވެ. އޭނާގެ ބައްޕަ ފަރާތު އާއިލާއަކީ މުސްލިމް އާއިލާއެކެވެ. ޔަމާލް ބޮޑުކޮށްފައިވަނީ ދީން ދަންނަ އަދި ދީނަށް ހުރުމަތްތެރިކޮށްހިތާ ޒުވާނެއްގެ ގޮތުގައެވެ. ނަމާދުކުރެއެވެ. ގުރުއާން ކިޔަވައެވެ. ދީނާމެދު މީހަކު ސުވާލުކޮށްފިއްޔާ ބުނެއެވެ. މުސްލިމަކީމެވެ. އަލްހަމްދު ލިއްލާހިއެވެ.
ފަލަސްތީނުގެ ދިދަ ހޫރުވުމުގެ ހާދިސާ
ޔަމާލްގެ ދީނާއި އޭނާގެ ސިޔާސީ ފިކުރުގެ މައްޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ މިއަހަރުގެ މެއި އެގާރަވަނަ ދުވަހު ބާސެލޯނާގައި ހިގި ހާދިސާއަކާ ގުޅިގެންނެވެ. ބާސެލޯނާ އެފްސީއަށް ސްޕޭނުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރެއާލް މެޑްރިޑާއެކު ބާސެލޯނާގެ ދަނޑުގައި ކުޅުނު އެލްކްލެސިކޯ މެޗު ދޭއް ސުމަކުން ކާމިޔާބު ކުރުމުންނެވެ. އެ މެޗަށްފަހު ބާސެލޯނާގެ ސަޕޯޓަރުންނާއެކު ޓީމުގެ ކުޅުންތެރިން ބާސެލޯނާ ސިޓީގެ މަގުތަކުގައި ކާމިޔާބީގެ ޕެރޭޑެއް ބޭއްވިއެވެ. ކުޅުންތެރިން ތިބީ މަތި ހުޅުވާލެވިފައިވާ ބަހެއްގެ ތެރޭގައެވެ. ޕެރޭޑް ކުރިއަށް ދަނިކޮށް ސަޕޯޓަރުންގެ ތެރެއިން މީހަކު ޔަމާލްގެ އަތަށް ފަލަސްތީނުގެ ދިދައެއް ދީފިއެވެ. އެއަށްފަހު ޔަމާލް ދިޔައީ އެދިދަ ހޫރުވަމުންނެވެ. މި މަންޒަރުތައް އިސާހިތަކު މީސްމީޑިއާގައި ވައިރަލް ވެއްޖެއެވެ. އެއްބަޔަކު ޔަމާލްގެ ހިތްވަރާއި ކެރުމަށް ތައުރީފު ބަންޑުންކޮށްލައިފިއެވެ. އަނެއްބަޔަކު އޭނާއަށް ފާޑުކިޔައި ކުށްވެރިކުރަން އަވަސްވެގަތެވެ. ކުށްވެރިކޮށް ބަޔާންތައް ނެރުނީ އިޒްރޭލުގެ ސަރުކާރުންނެވެ.
އިޒްރޭލުން ޔަމާލްއާ ޖައްސައިލުން
އިޒްރޭލުގެ ސަރުކާރުގެ ތެރެއިން ޔަމާލް ކުށްވެރިކޮށް އެންމެ ގަދަޔަށް ވާހަކަ ދެއްކި މީހަކީ ދިފާއީ ވަޒީރު އިޒްރާއިލް ކާޒްއެވެ. މީސްމީޑިއާއަށް ދޫކުރި ބަޔާނެއްގައި އޭނާ ބުންޏެވެ. ޔަމާލް އެކުރި އަމަލަކީ އިޒްރޭލާމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެެއްދުމުގެ އަމަލެކެވެ. ޓެރަރިޒަމަށް ގޮވާލައި ވާގިވެރިވުމުގެ އަމަލެކެވެ. އެހެންވީމާ އެ އަމަލު އިޒްރޭލުގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ. އެހެން ބުނެފައި އެހިސާބުން ހުއްޓައިލީއެއް ނޫނެވެ. ބާސެލޯނާ އެފްސީއަށް އޭނާ އިލްތިމާސްކުރީ ޔަމާލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. ކުލަބުން އޭނާ ކަނޑައިލުމަށެވެ. ނުވަތަ މުސާރަ ނުލިބޭގޮތަށް އަދި ނުވެސް ކުޅެވޭގޮތަށް ސަސްޕެންޑް ކުރުމަށެވެ. ޔަމާލްއަކީ ބާސެލޯނާ ތަމްސީލުކުރާ މީހެއް ނޫންކަން ދެއްކޭނީ މިގޮތުންކަމަށްވެސް އިޒްރޭލުގެ ދިފާއީ ވަޒީރު ބުންޏެވެ. އިޒްރާއިލް ކާޒްގެ އިތުރަށްވެސް އިޒްރޭލުގެ އެތައް އޮފިޝަލަކު ޔަމާލް ކުށްވެރިކޮށް އޭނާއަށް އަދަބުދޭން ގޮވާލައި ބަޔާންތައް ނެރުނެވެ.
ސްޕޭނުގެ ބޮޑުވަޒީރުގެ ހަރުކަށި ރައްދު އިޒްރޭލަށް
ލަމީން ޔަމާލް ދިފާއުކުރުމާއެކު އިޒްރޭލުގެ ވާހަކަތަކަށް އެންމެ ހަރުކަށި ރައްދެއް އައީ ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ފަރާތުންނެވެ. އޭނާ ވިދާޅުވިއެވެ. ޔަމާލަށް ފުރިހަމައަށް ތާއީދު ކުރަމެވެ. ޔަމާލް ތަމްސީލުކޮށްދިނީ ސްޕޭނުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަބަޔަކު ތިބި ގޮތެވެ. ސްޕޭނުގެ ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނަށް އޮތީ ހަމްދަރުދީއާއި ކުލުނެވެ. އެކަމަަށް ސާބަސް ރައްދުކުރަމެވެ. ބައެއްގެ ގައުމިއްޔަތާއި އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ އެއްޗަކީ އެބައެއްގެ ދިދަ ކަމަށްވާއިރު އެދިދަ ހޫރުވުމަކީ ހަސަދަޔާއި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަކަށްވާނެ ހުއްޖަތަކީ ކޮބައިތޯ އޭނާ ސުވާލު ކުރެެއްވިއެވެ. އެއީ ޓެރަރިޒަމަށް ގޮވައިލުމަކަށްވާނެ ގޮތަކީ ކޮބައިތޯވެސް އެއްސެވިއެވެ. އެއީ ރުޅިވެރިކަން އުފެއްދުމާއި ޓެރަރިޒަމަށް ގޮވައިލުމެއް ކަމަށް ބަޔަކު މާނަކުރަންޏާ އެކަމަކީ އެބައެއްގެ ވިސްނުމުގެ ކޮށިކަމާއި ދެރަވަރުކަން އެންމެނަށް ހާމަވުމެއް ކަމަށްވެސް ޕެޑްރޯ ސަންޗެޒް ވިދާޅުވިއެވެ.
އިޒްރޭލުގެ ގޮވައިލުމަށް ބާސެލޯނާގެ ޖަވާބު
ލަމީން ޔަމާލް ދިފާއު ކުރައްވައި ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވާހަކަފުޅު ދެއްކެވީ އޭނާއަކީ ޔަމާލްގެ ނުވަތަ ބާސެލޯނާ އެފްސީގެ ފޭނަކަށްވާތީއެއް ނޫނެވެ. ސަންޗޭޒް ނިސްބަތްވަނީ ވެރިރަށް މެޑްރިޑަށެވެ. އޭނާއަކީ ބާސެލޯނާގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ދެގޮތެެއްނުވާ ސަޕޯޓަރެކެވެ. ޔަމާލްގެ ދިފާއުގައި އޭނާ ވާހަކަ ދެއްކެވީ ސްޕޭނުގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ސްޕޭނުގެ ރައްޔިތަކު ދިފާއު ކުރެއްވުމަށެވެ. މި މައްސަލައިގައި ބާސެލޯނާ އެފްސީގެ ބަހަކީ ކޮބައިބާވައެވެ. އެކުލަބުގެ ފަރާތުން ވާހަކަ ދެއްކީ ކޯޗު ހާންސީ ފްލިކްއެވެ. އޭނާ ބުންޏެވެ. ޔަމާލްއަކީ އުމުރުން އަށާރަ ފުރިފައިހުރި ޒުވާނެކެވެ. އަމިއްލަ ޚިޔާލާއި ރައުޔު ފާޅުކުރުމުގެ މިނިވަންކަމާއި އިޚުތިޔާރު އޭނާއަށް އެބައޮތެވެ. އެއީ ކުލަބުން ވަންނަންޖެހޭ މައްސަލައެއް ނޫނެވެ. ފަރުދީގޮތުން ޔަމާލް ކުރާ އެއްވެސް ކަމެއް ބާސެލޯނާގެ ރަސްމީ ކަމެއްގެ ގޮތުގައި ބެލޭނެ އަދި ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ހާންސީ ފްލިކް ބުންޏެވެ.
ދިދަ ހޫރުވުމުގެ ހާދިސާގެ ހިޔަނި ވޯލްޑްކަޕަށް
ސްޕޭނުގެ ސްޓަރ ޕްލޭޔަރ ޔަމީން ޔަމާލް ފަލަސްތީނުގެ ދިދަ ހޫރުވި ހޫރުވުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތަކުން ފިލައިގެނެއް ނުދިޔައެވެ. މިފަހަރުގެ ވޯލްޑްކަޕް ފައިނަލުގައި ސްޕޭނާ ވާދަކުރާނެ ޓީމަކީ އާޖެންޓީނާކަން އެނގުމާއެކު ނަތަންޔާހޫ ވަނީ އޭނާގެ ސަޕޯޓް އާޖެންޓީނާއަށް ބަންޑުންކޮށްލައިފައެވެ. އިޒްރޭލުގައި ހުންނަ އާޖެންޓީނާގެ ސަފީރު ޝިމޮން ވަހުނިޝް ބޮޑުވަޒީރުގެ އޮފީހަށް ގެންގޮސް އާޖެންޓީނާގެ ކާމިޔާބީއަށް އިޒްރޭލު އެދޭމިންވަރުގެ ޑެމޯއެއް ވަނީ ދައްކާލައިފައެވެ. މިދެންނެވި ސަފީރަކީ ޔަހޫދީ ރާހިބެކެވެ. އާޖެންޓީނާގެ ރައީސް ހާވިއަރ މިލޭގެ ރޫހީ އެޑްވައިޒަރަކީވެސް މީނާއެވެ. މިއީ އާޖެންޓީނާއިން އިޒްރޭލަށް ސަފީރެއްގެ ގޮތުގައި ފޮނުވި ޔަހޫދީ ފުރަތަމަ ރާހިބުވެސް މެއެވެ. އޭނާވެސް ނަތަންޔާހޫއަށް އާޖެންޓީނާގެ ޖޯޒީ ހަދިޔާކޮށް އާޖެންޓީނާ އޮންނާނީ އަބަދުވެސް އިޒްރޭލާއެކު ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މި ޑެމޯގައި ނަތަންޔާހޫ ވަނީ އާޖެންޓީނާގެ ރައީސް ހާވިއަރ މިލޭއަށް ވީޑިއޯ ކޯލެއް ކޮށްގެން ޝުކުރުވެސް އަދާކޮށްފައެވެ.
އިމާދު ލަތީފު
ލެމީން ޔަމާލް
ލެމީން ޔަމާލް
ލެމީން ޔަމާލް
ލެމީން ޔަމާލް
ކޮމެންޓް