ޒިކުރާ މިސްކިތުގެ މައްސަލައިގައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

މި މައްސަލަ ފަށަން ތާވަލުކޮށްފައިވަނީ، މާދަމާ ހެނދުނު 9:45 އަށެވެ.

ޑރ. ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލީ، އޭނާ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި ކަމަށް ބުނެއެވެ.

އެ މައްސަލަ ޑރ. ޒިޔާދުގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

ކުރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ނިންމެވުމާ ދޭތެރޭގައި ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

"ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތުން ރާއްޖޭގައި އޮންނަންވީ ހަމައެކަނި ފިނޭންސް މިނިސްޓްރީއާއި އޭޖީ އޮފީހާ. އެނޫން ތަނެއް އޮންނާނެ ކަމެއް ނެތް. އެއްވެސް މިނިސްޓްރީއެއްގެ ޒިންމާއެއްވެސް އެ ހުކުމުގައި އޮތް ގޮތަކުން ކިޔާލި އިރަކު ނެތް. އެއީ ހަމަޖެހޭ ގޮތެއް ނޫން. އެޔެއް ނޫން ގާނޫނުއަސާސީއާއި ގާނޫނުތައް ތަސައްވަރުކޮށްފައި އޮތް ގޮތަކީ،" މި މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވަމުން ޕީޖީ ޝަމީނު ވިދާޅުވިއެވެ.