އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިއާ ސަސްޕެންޑު ކުރުމާ ބެހޭގޮތުން އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ރާއްޖެއިން ވަކި ގޮތަކަށް ވޯޓު ދޭން ދެކޮޅު ހަދައިފިއެވެ.
ޔޫކްރޭން ހަނގުރާމައިގައި ރަޝިއާގެ ފައުޖުތަކުން އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 93 ގައުމަކުން ވަނީ ތާއީދުކޮށްފައެވެ. އަދި 24 ގައުމަކުން ދެކޮޅަށް ވޯޓު ދީފައި ނުވާ އިރު، އެ ވޯޓުގައި 58 ގައުމަކުން ބައިވެރިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި މި ސަރަހައްދުގެ އެހެން ގައުމުތައްވެސް ހިމެނެއެވެ.
ރަޝިއާއާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި، އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި އިސްރާއީލް ހިމެނެއެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިން 24 ގައުމުގެ ތެރޭގައި ރަޝިއާގެ އިތުރުން ޗައިނާއާއި ސީރިއާއާއި އީރާނާއި އުތުރު ކޮރެއާ ހިމެނެއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި 47 ގައުމު ހިމެނެއެވެ. އެ މަޖިލީހުގެ މެންބަރަކަށް ރަޝިއާ ވީ 2021 ވަނަ އަހަރު، ތިން އަހަރުގެ ދައުރަކަށެވެ.
އިއްޔެގެ ވޯޓަށް ފަހު ރަޝިއާއިން ވަނީ އާންމު މަޖިލީހުގައި ބާރު ހިންގަނީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މަދު ގައުމުތަކަކުންކަން ފާހަގަކޮށް އެގައުމުން ދައުރު ނިމުމުގެ ކުރިން އެ މަޖިލީހުން ވަކިވާން ނިންމައިފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރޭނަށް އަރައި ފެށި ހަނގުރާމަ ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި މިދިޔަ މަހުގެ ދެވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓަށް ރާއްޖެއިން ތާއިދުކުރިއެވެ.
އެ ވޯޓާ ބެހޭގޮތުން މިދިޔަ މަހުގެ 13 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި އެގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ.
ރަޝިއާއާ ދެކޮޅު ވޯޓުގައި ރާއްޖެ ބައިވެރިވެފައި ނުވާ އިރު، ރަޝިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ރަޝިއާގެ މާކެޓް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ. އެކަމުގެ ސަަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު