ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެެ ކަމަށާއި އިސްރާފުކުރުމާ ދުރުހެލިވާން ޖެހޭ ކަމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްރާފުކުރުމަކީ އެކަމުގެ ގެއްލުން ސިއްހީގޮތުންނާއި މާލީގޮތުން މުޖުތަމައަށް ފޯރާނެ ކަމެއް ކަމަށާއި ރޯދައަކީ ހަށިގަނޑު ދުޅަހެޔޮކޮށްދޭ އަޅުކަމެއް ކަމަށެވެ. އަދި ރޯދައިން މި މަގުސަދު ހާސިލުކުރެވޭނީ އިސްރާފުކުރުމާ ދުރުހެލިވެގެން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެއެވެ. މާތް الله އަށް ކިޔަމަންގަތުން, ނަމޫނާ ކިޔަމަންގަތުމަކަށް ހެދޭނީ އޭރުންނެވެ. މާތް الله ހަރާމްކުރެއްވި ހުރިހާ ކަންތައްތަކަކާ ދުރުހެލިވެގެންނެވެ. މާތް الله އަށް އުރެދުމެއް ނެތި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ މީހަކަށް ވެވޭތޯ މަސައްކަތްކޮށްގެންނެވެ...," ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ތިން އިރުގެ ކޮއްތު ދެއިރަށް ބަދަލުވުމުން, ރަމަޟާން މަހުގައި ހަރަދުތައް ކުޑަވާން ޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެތަންމިތާނގައި ކާއެތިކޮޅަކަށް ބޭނުންވެފައި ތިބި އެތައް މިލިއަން މުސްލިމުންގެ ހާލާ މެދު ވިސްނާލައި, އިސްރާފުކުރެވޭ ބައި އެމީހުންނަށްޓަކައި ހޭދަކުރަމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

"ކީރިތި ރަސޫލާގެ ސުންނަތަށް ބަލާށެވެ. އެކަލޭގެފާނު ރޯދަ ވީއްލާފައިވަނީ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގެންފި ނަމަ, ފެންފޮދަކުންނެވެ..," ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ ރަމަޟާން މަހު ރޯދަ ވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ މިއަދުގެ ދުނިޔޭގައި މުސްލިމުންގެ އާދައެއް ކަމަށާއި މީސްމީޑިއާ މެދުވެރިކޮށް, މިކަމުގައި އެކަކު އަނެކަކާ ވާދަކުރާތަން ވެސް ފެންނަ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެމީހުން ބޭނުންކުރަނީ ވަރަށް މަދު އެތިކޮޅެއްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.