ވުލްވްސްއަށް ކުޅެމުން އަންނަ ރުބެން ނެވޭސް، 100 މިލިއަން ޕައުންޑަށް އަގުކުރެވޭނެ ކަމަށް ޓީމުގެ ކޯޗު ބްރޫނޯ ލާގޭ ބުނެފިއެވެ.
ނެވޭސްއަކީ ނިމިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ ސީޒަންގައިވެސް ޔޫރަޕުގެ ބޮޑެތި ކްލަބުތަކެއްގެ ލޯތައް އަމާޒުވި ކުޅުންތެރިއެކެވެ. އޭނާ ގެންދަން މަސައްކަތް ކުރި ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ބާސެލޯނާވެސް ހިމެނެއެވެ. އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވުލްވްސްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2024 އަށް ނަމަވެސް، އޭނާ ބޮޑު ކްލަބަކަށް ދިއުން އެއީ މިހާރުވެސް ގާތުގައި އޮތް ކަމެކެވެ.
"އަހަންނަކަށް ނޭނގެ ޔުނައިޓެޑާއި ދެން ކޮން ކްލަބުތަކަކުން ކަމެއް ނެވޭސް ގެންދަން މަސައްކަތް ކުރަނީ. އަހަންނަށް އެނގޭ އެއްޗަކީ ވުލްވްސްގައި މިހުރީ ހާއްސަ ކުޅުންތެރިއެއްކަން. ވުލްވްސް އެހެން ފަންތިއަކަށް ގެންގޮސްދޭ ކުޅުންތެރިއެއް އެއީ. ނެވޭސް މިހާތަނަށް ސީޒަންގައި ކުޅުނު ކުޅުމަށް ވަރަށް ހިތްހަމަ ޖެހޭ. އެޓޭކާއި ޑިފެންސް ބެލެންސް ކުޅުންތެރިއެއް އެކަހަލަ މަގާމަކަށް ހޯދަން އުނދަގޫވާނެތީ ބޮޑެތި ޓީމުތަކުން 100 މިލިއަން ޕައުންޑަށް ނެވޭސް ކަހަލަ ކުޅުންތެރިން ގެންދާނީ،" މިހާތަނަށް ސީޒަންގައި ކުޅުނު 31 މެޗުން ހަތަރު ގޯލު ޖަހާފައިވާ ނެވޭސްއާ ގުޅޭގޮތުން ކޯޗު ލާގޭ ބުންޏެވެ.
ލާގޭ އިތުރަށް ބުނީ ނެވޭސް ކަހަލަ ކުޅުންތެރިން އެ ކްލަބުގައި މަޑުކުރުވަން އޮތް އެންމެ މޮޅު ގޮތަކީ މުސާރައާއި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުން ކަމަށެވެ.
ޕޯޗުގަލްގެ ޕޯޓޯއިން ނެވޭސް ވުލްވްސްއަށް ދިޔައީ 16 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއީ 2017 ވަނަ އަހަރުއެވެ. ނެވޭސް ވުލްވްސްއާއެކު އިނގިރޭސި ދެވަނަ ޑިވިޝަން ކާމިޔާބު ކޮށްފައިވެސް ވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު