ބަންގްލަދޭޝް މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިއާ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބަންގްލަދޭޝްގެ އާ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްއިން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ބަންގްލަދޭޝްގެ އާ ސަފީރު ވަނީ ދާދިފަހުން ދެ ގައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ ދަތުރުފުޅުތަކުގައި ބަދަލުކުރެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިންދިނުމުގެ ކަންކަމާއި މީހުން ބިނާކުރުމާއި ސިއްހީ ދާއިރާ ތަރައްގީކުރުމާއި ތައުލީމީ ދާއިރާ އާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެއްބާރުލުންފަދަ ދެ ގައުމުން އިސްކަންދޭ ކަންކަމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތްކަން ފާހަގަކުރައްވައި ރާއްޖޭގެ އިގުތިސޯދީ މަސައްކަތްތަކުގައި ހިއްސާވާ ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ސަފީރު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތުކުރުކުރުމެއް ނެތި ވެކްސިން ލިބޭނެ މަގުފަހިކޮށްދެއްވައި، ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި ރާއްޖެއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެކަމަށްޓަކައި ސަފީރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.