ކަންނެލި ދޯންޏެއްގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރާ ދެމީހުން ބޭސް ފަރުވާއަށް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
މިއަދު ދޫކޮށްލި ދެމީހުންނަކީ އެކަމުގައި އިސްމީހާ ކަމަށް ފުލުހުން ތުހުމަތުކުރާ، ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާއެވެ.
ކޯޓަށް އެއްބާރުލުން ދިނުމާއި، ހުއްދަ ނެތި މާލެ އިން ބޭރަށް ނުދިނުމާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ޝަރުތުކޮށް އެ ދެމީހުން ބަންދުން ދޫކޮށްލީ، ދެ މަސްދުވަހުގެ މުއްދަތަކަށެވެ.
މިއަދު ބޭއްވި އެ ދެމީހުންގެ ބަންދުގެ މުއްދަތުގެ އަޑުއެހުމުގައި ޝަހީބްގެ ވަކީލުން ވިދާޅުވީ، އޭނާއަށް ކަސްރަތު ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން، ނަފްސާނީ އިތުރު ޓެސްޓުތަކެއް ހަދަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށާއި ނަމަވެސް ކަރެކްޝަނުން އެކަންތައް ކޮށްނުދޭ ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ، ޑޮކްޓަރުގެ ލަފާގެ މަތިން އޭނާއަށް ފަރުވާދެމުުން އަންނަ ކަމަށެވެ. އަދި އެންމެ ފަހުން ހެދި ޓެސްޓުތަކުން ވެސް، ޝަހީބުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ދައްކާ ކަމަށް ވެސް ބުންޏެވެ.
އެކަމާ ގުޅިގެން ޝަހީބް ބުނީ ޖަލުގައި ތިބޭ އެންމެން، ކޮންމެ ދެ ހަފުތާއިން ޑޮކްޓަރަށް ދައްކާ އުސޫލުން އޭނާވެސް ޑޮކްޓަރަށް ދައްކާ ކަމަށެވެ. ނަމަވެސް އެކިއެކި ސިއްހީ މައްސަލަތައް ދިމާވާތީ ކަމާ ބެހޭ ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖަލުގެ ޑޮކްޓަރު ލަފާ ދިނަސް، ކަރެކްޝަނުން އެގޮތަށް އެކަން ނުކުރާ ކަމަށް ވެސް ބުންޏެވެ.
އަހުމަދު މޫސާގެ ވަކީލުން ވިދާޅުވީ، ޖަލުގައި ހުންނަ މީހާ މަރުގެ ތުންފަތް މައްޗަށް ދިއުމުން ނޫނީ ބަންދުން ދޫނުކުރެވޭ ގޮތަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާ ކުރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އަހުމަދު މޫސާގެ ސިއްހީ ފަރުވާއާ ގުޅޭ ކަންކަން ވެސް ދައުލަތުގެ ކިބައިން ސާފުކުރައްވައިފައެވެ.
ދައުލަތުން ބުނީ ފުއްޕާމޭގެ ޑޮކްޓަރަކަށް އަހުމަދު މޫސާ ދެއްކުމުން އިތުރު ޓެސްޓުތަކެއް ހަދަން ލަފާ ދީފައިވާ ކަމަށާއި، ކަރެކްޝަންސްގެ މުވައްޒަފުންގެ ދަތިކަން ހުރުމުން މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށެވެ.
ޓެސްޓެއް ނުހެދި، ދެ މަހަށް ވުރެ ދިގުވެެގެން ގޮސްފައިވާކަން ފާހަގަކޮށް، ގާޒީ ވިދާޅުވީ ބޭސްފަރުވާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަން ދައުލަތަށް މީގެ ކުރިންވެސް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށެވެ. އެހެންކަމުން ބޭސްފަރުވާއަށްޓަކައި ދެ މަހަށް އެ މީހުން ބަންދުން ދޫކޮށްލަން ނިންމެވީ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު