އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީ ބަލިކޮށް، ކްލަބު ވެލެންސިއާއިން ކޮލިފިކޭޝަން އަނެއް މެޗަށް ފުރުސަތު ހޯދައިފިއެވެ.
ގައުމީ ދަނޑުގައި ކުޅުނު މެޗު މިރޭ ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތުމުން، މެޗުން މޮޅުވި ޓީމު ކަނޑައެޅީ އިތުރު ވަގުތު ކުޅެގެންނެވެ.
މެޗުގެ ފުރަތަމަ ކޮޅުން ފެށިގެން ވެލެންސިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، އެޓީމުން ގިނަ ޕާސްތައް ޖެހިއެވެ. ވެލެންސިއާގެ ފުރަތަމަ ފުރުސަތު މެޗުގެ 23 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާން) އަށް ލިބުނު އިރު، އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ފުރަތަމަ ހާފުގައި ބޫޓާންގެ ޕަރޯއިން ބެލީ ސެޓް ޕީސްތަކުގައި ނުރައްކާ ކުރުމަށެވެ. މާ ބޮޑަށް ކުރިއަށް ނުޖެހި ފަހަތުގައި މަޑުކޮށްގެން ބޮޑެތި ބޯޅަތަކެއް ކުރިއަށް ޖަހައިގެން ކުޅެން ޕަރޯއިން މަސައްކަތް ކުރިއެވެ. އެ ބޯޅަތައް ބޭނުން ކުރުމުގައި އެންމެ ބޮޑަށް ފާހަގަވީ ފޯވަޑް މެކްވެލް އެލެންއެވެ. އިސްކޮޅުން ދިގު އެލެންގެ ނުރައްކާ ކޯނަރުތަކާއި ހިލޭ ޖެހުންތަކުން ވެލެންސިއާއަށް ދިޔައީ ފޯރަމުންނެވެ. ކުރީކޮޅުގައި އޭނާ ބޮލުން ޖެހި ބޯޅައެއް ވެލެންސިއާގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށް ބޭރުވެސް ކޮށްލައިފައެވެ.
މިރޭގެ މެޗަށް ވެލެންސިއާ ނުކުތީ ހާލަތު އުނދަގޫކޮށް އޮއްވައެވެ. އަނިޔާގެ މައްސަލަތަކުގެ އިތުރުން ކްލަބު އެތެރޭގެ އެހެން ބައެއް މައްސަލަތައްވެސް ވެލެންސިއާއަށް ދިމާވެފައިވާ އޮތް އިރު، ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ކްލަބު ދޫކޮށްލަންވެސް އެދިފައެވެ. އަނެއްކޮޅުން އަލީ ފާސިރު (ސެންޓޭ) އަނިޔާގައި ހުރި އިރު، ބިދޭސީ ކުޅުންތެރިން ކުޅެން އެއްބަސްވީވެސް ފަހު ވަގުތުއެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ވެލެންސިއާއިން ލީޑު ނެގިއެވެ. އެ ގޯލު ޔާނު ޖެހީ ބޯހަސް މާޓިން އޭރިއާތެރެއިން ކޮންޓްރޯ ކޮށްލި ބޯޅައެއްގެ ފައިދާ ނަގައިގެންނެވެ. އޭރިއާ ތެރެއިން ޔާނު ހަމަޖެހިލާފައި ފޮނުވާލި ބޯޅަ ޕަރޯގެ ކީޕަރު ގްޔެލްސްޓެން ޒަންގްޕޯ ބޯމަތިން އަމާޒު ކޮށްލީ ގޯލުގެ ދުރު ކަނަށެވެ. ހިތްގައިމު ގޯލެކެވެ.
އެ ގޯލާއެކު ވެލެންސިއާއިން މެޗުގެ ކޮންޓްރޯލް ހޯދައި ހަމަ ޖެހިލި ނަމަވެސް 27 ވަނަ މިނެޓުގައި ޕަރޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ކޯނަރަކުން ގޯލު ޖެހީ އެލޮންއެވެ. ވާތް ފަޅިން ނެގި ކޯނަރު އެލޮން ގޯލަށް ވައްދާލީ މުޅިން ހުހަށް އޭރިއާ ތެރޭގައި އޮވެ ބޮލުންނެވެ.
ވެލެންސިއާ އިން ދެ ވަނަ ހާފަށް ނުކުތީ މުހިއްމު ދެ ބަދަލެއް ގެނެސްގެންނެވެ. ހުސެއިން ހަނާން (ޖޯ) އާއި އިސްމާއިލް ޒާން އާމިރުގެ ބަދަލުގައި އިސްމާއިލް އީސާ (މެސީ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކުޅެން ނެރެފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ވެލެންސިއާ ނުރައްކާވެސް ކުރިއެވެ.
ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ ބިދޭސީ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް އަށް އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން ދެން ފެނުނީ ޕަރޯގެ ދެ ހަމަލާއެކެވެ. ޔެޝީ ޑޯޖީގެ ރަނގަޅު ޕާހަކުން އެލޮންއަށް ފަހިވި ފުރުސަތުގައި އޭނާއަށް ބޯޅައަށް ރަނގަޅަށް އެރޭ ގޮތް ނުވިއެވެ. އޭގެ އިތުރުން ސްޓެފާން ޑޭންގް ޖެހި ބާރު ބޯޅަ މަތަކުރީ ވެލެންސިއާ ގޯލްކީޕަރު ޓޮޕްލަކެވެ.
މެޗުގެ ކުޅުން 90 މިނެޓް ނިމުނުއިރު، އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު އިރު، އިތުރު ވަގުތުގައި ނުރައްކާތެރިކޮށް ފެނުނީ ވެލެންސިއާއިންނެވެ. އެޓީމުގެ ހަމަލާތައްވެސް ފެނުނެވެ. އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ގެ ހަމަލާއެއްގެ އިތުރުން ޑޮމިނިގޭޒްގެ އިތުރުން ހަމަލާއެއްވެސް ޕަރޯގެ ގޯލްކީޕަރު ޒަންގްޕޯ މަތަކުރިއެވެ.
ވެލެންސިއާ އިން ދެވަނަ ގޯލު ޖެހީ މެޗުގެ 100 ވަނަ މިނެޓްގައެވެ. ޔާނު ހުސްކޮށްލާފައި ނެގި ބޯޅަ ކީޕަރު ޒަންގްޕޯ އަތްމަތިން ވެއްޓުނު ވަގުތު ލީޑު ނަގައިދިނީ ބޯހާސްއެވެ.
މިރޭގެ މެޗުން މޮޅުވެ، ވެލެންސިއާއިން ދެން އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގައި ކުޅެން ޖެހޭނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އެގައުމުގައެވެ. ވެލެންސިއާއިން އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ސްރީލަންކާގެ ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބްލޫ ސްޓާ އިން ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ މިއަދު ނޭޕާލްގެ މަޗިންދުރަ އަތުން ކަތުމަންޑޫގައި 2-1 އިން މޮޅުވެގެންނެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގައެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.
ވެލެންސިއާއިން ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު ބަންގުލަދޭޝްގައެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް