އަލަށް ރާއްޖޭގެ ފުޓުބޯޅައަށް ނުކުންނަ ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ކަމަށް ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ޒުވާން ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ހަމަޖައްސައިފިއެވެ.

ރޭޑިއަންޓަކީ ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންތަކެއް އިސްވެ އުފެއްދި މުޅިން އާ ކްލަބެކެވެ. ކްލަބު ފުރަތަމަ ވާދަކުރަން ތައްޔާރުވަނީ ތިންވަނަ ޑިވިޝަންގައެވެ.

"ނުލާއި ހުދުގެ ސަޕޯޓަރުން ކްލަބުގެ ކަންކަމުގައި މި އުޅެނީ. އެމީހުންގެ ފަހަތަށް އަރަން ހުރިހާ ސަޕޯޓަރުން ތިބީ ތައްޔާރަށް. ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިގެން، ރަނގަޅު ބަޖެޓަކާއެކު މި ނުކުންނަނީ. ފުރަތަމަ ޑިވިޝަންގައިވެސް ކުޅެފައި ތިބި ކުޅުންތެރިން އެބަތިބި. ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ކުޅުންތެރިންވެސް އެބަތިބި. އެހެންވީމަ ޓާގެޓަކީ ތިންވަނަ ޑިވިޝަން ނެގުން،" ސޮބާ "ވަން"އަށް ބުންޏެވެ.

ރާއްޖޭގައި އުފެދުނު އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބު ނިއު ރޭޑިއަންޓުގެ ރޫހު ރޭޑިއަންޓުން ފެނިގެންދިޔަ ނަމަވެސް އެއީ އަދި މުޅިން އާ ކްލަބެއް ކަމަށް ކޯޗު ސޮބާ ބުންޏެވެ. ނިއު ރޭޑިއަންޓް މިވަގުތު އޮތީ ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައެވެ. އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ދީފައިނުވުމުން އުފެދުނު ބޮޑެތި މައްސަލަތަކެއްގެ ސަބަބުންނެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި ފީފާއަށް ދަންކަން ޖެހޭ ދަރަންޏެއް ވެސް ކްލަބުގައި އެބައޮތެވެ. ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާއާ އެކު އެ ކްލަބުގެ ދަރަނި ގާތްގަނޑަކަށް 6.5 މިލިއަން ރުފިޔާއަށް އަރައެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑް ވުމާއެކު އެ ކްލަބަށް ލޯބި ކުރި އެތައް ބަޔަކަށް މާޔޫސްކަން ވެރިވެ، ފުޓުބޯޅައިން އެކަހެރި ވެފައި ތިބި އިރު، ރޭޑިއަންޓް ވެގެންދާނީ އެ "ފޭން ބޭސް" އަނބުރާ ފުޓުބޯޅައަށް ވަނުމަށް ހުޅުވިގެންދާ ދޮރަކަށެވެ.

ކޯޗު ސޮބާ ބުނީ ދުރާލައި ޓީމުގެ ފަރިތަކުރުންތައް ފަށާނެ ކަމަށާއި، ތިންވަނަ ޑިވިޝަނަށް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.

"ދުރާލައި ފަރިތަކުރުންތައްވެސް ފަށާނަން. ޓީމުގެ މެނޭޖުމަންޓުގައި އޮތީ މާޔޫސްވެފައި ތިބި ނުލާއި ހުދުގެ ސަޕޯޓަރުންގެ މާޔޫސްކަން ފިލުވާލަން ތައްޔާރަށް. ރޭޑިއަންޓަކީ ހަމަ އަލަށް ފުޓުބޯޅައަށް އަންނަ ވަރުގަދަ ނަމަކަށް ވާނެ،" ސޮބާ ބުންޏެވެ.

ބެލެވޭ ގޮތުގައި މިއަހަރުގެ ތިންވަނަ ޑިވިޝަން އޮތީ އަންނަ އޯގަސްޓް މަހުގެ ތެރޭގައެވެ. ރޭޑިއަންޓުން ވަރުގަދަ ބައެއް ދިވެހި ކުޅުންތެރިންނާއެކު ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރޭޑިއަންޓް ސްޕޯޓްސް ކްލަބު އުފެދިގެން އައީ މިދިޔަ މަހުގެ ތެރޭގައެވެ. ނިއު ރޭޑިއަންޓްގެ ކުލަތަކާއެކު ރޭޑިއަންޓްވެސް ފެންނަ އިރު، ކްލަބުގެ ލޯގޯގައިވެސް ހިމެނެނީ ނިއު ރޭޑިއަންޓްގެ ބާޒެވެ. ފެންނަނީ ކުޑަ ތަފާތެކެވެ.