ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އާއި އިކޮނޮމިކް މިނިސްތަރު ފައްޔާޒު އިސްމާއީލްއަށް ތާއީދުކުރާ މަޖިލިސް މެންބަރުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، އިންތިއަށް ތާއީދުކުރާ މެންބަރުން މަޖިލިސް ތަޅުމުގައި ކޮންމެ ދުވަހަކު ތަކުރާރުކޮށް ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި އިންތިހާބުގައި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުުގެ ފެކްޝަނަށެވެ. ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށެވެ. އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަނަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ސަރުކާރުން ވިޔަފާރިތަކަށް ވަނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެމްޑީޕީގެ އެހީތެރިކަމާ އެކު އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވީ ރައްޔިތުން ކަމަށާއި އެހެންކަމުން ވާހަކަ ދައްކަން ޖެހެނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުގައި އޮތީ ކިތައް ކުންފުނިތޯ އެނގޭނެ އާދައިގެ މީހަކު މަދުވާނެ ކަމަށާއި ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުގެ ފުރިހަމަ އަދަދު ސަރުކާރަށްވެސް ނޭނގޭނެ ކަމަށެވެ. ނަމަވެސް އެއްކުރި މައުލޫމާތުން ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި 36 ކުންފުންޏެއް އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްދޭ އޮތީ 10 ކުންފުނި ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއް 26 ކުންފުންޏަކީ ބޭކާރު ބައެއް ކަމަށާއި ނަމަވެސް އެ ކުންފުނިތަކަކީ ޓެކްސް ޕޭޔަރުންގެ ފައިސާއިން މުސާރަ ހިނގާ ކުންފުނިތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބައެއް މީހުން އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުނީގައި ވަޒީފާއަދާކޮށް، ދައުލަތުން މުސާރަ ނަގަމުންދާއިރު، އާދައިގެ މީހުން އުޅެނީ ވަޒީފާއެެއް ނުލިބިގެން ކަމަށެވެ.

އާޒިމް އެހެން ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ނިޒާމީ މައްސަލަ ނަންގަވައި ހަތަރު ކުންފުނީގައި ވަޒީފާ އަދާކުރަނި ކާކުތޯ ސުވާލު ކުރައްވައިފައެވެ. ނަމަވެސް އެ ވާހަކައަށް އާޒިމް ޖަވާބެއް ނުދެއްވައެވެ.

އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ވޭތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތް ހިންގުމުގެ ނަމުގައި 12 ކުންފުނި އުފައްދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރުން އުފެއްދި ތިން ކުންފުނި އެބަ އޮތް ކަމަށާއި އެ ކުންފުނިތަކުން ކުރި ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެ ތިން ކުންފުންޏަކީ ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނެވެ.

އޭގެ އިތުރުން ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފެއްވި އެގްރޯ ކުންފުންޏާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް އުފެއްދި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެސްއެމްއީ ޑެވެލޮޕްމަންޓުން ލިބުނު ކުރިއެރުމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އާޒިމް ވާހަކަދައްކާ ނިމުމުން ފައްޔާޒަށް ތާއީދުކުރައްވާ މެންބަރުން އާޒިމަށް ފާޑުކިޔަން ފެށިއެވެ. އަލީ އާޒިމަށް ދިމާކުރުމުގެ ގޮތުން ބައެއް މެންބަރުން ވަނީ، ޕީޖީ ލީޑަރުކަން އާޒިމަށް ނުލިބުމުން ހަސަދަ ފިލުވައިލީ ކަމަށާއި އެވަރުން ޕީޖީ ލީޑަރުކަން އަލުން ލިބުނީތޯ އޭނާއާ ސުވާލުކުރައްވައިފައެވެ.