ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ގޮނޑިއަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ގޮނޑި ހުސްވީ ހުޅުމާލޭގައި ހުސްވި މާޗު މަހުގެ ކުރީކޮޅު ހިނގި އެކްސިޑެންޓެއްގައި އެ ދާއިރާގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

އެ ގޮނޑި ހުސްވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައިފައެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެމްއެންޕީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ, ވިލިމާލެ ދާއިރާގެ ޑަބްލިޔުޑީސީގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމާއި ލިޔެކިޔުންތައް, އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަދި އެ އިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި, މިމަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 9:00 އިން 11:30 އަށް ވިލިމާލެ ދާއިރާގެ އިތުރުން މާލޭގެ އެމްއެންޕީގެ އޮފީހުގައި އޮންނާނެ ކަމަށް ބުންޏެވެ.