ޕްރެސިޑެންޓްސް ކަޕްގެ ކާމިޔާބީއަށްފަހު ލީގުގައި މިހާތަނަށް ކުޅެން ޖެހުނީ ޓީމުގެ އެންމެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކަމަށާއި، ސްކޮޑުގައި "އޮޕްޝަންސް ލިމިޓް" ވުމަކީ ޗެލެންޖެއް ކަމަށް ކްލަބު ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ކޮލިފިކޭޝަން ޕްލިމިނަރީ ބުރުގައި ވެލެންސިއާއިން މާދަމާ ރޭ ނުކުންނާނީ ބޫޓާންގެ ޕާރޯއާ ދެކޮޅަށެވެ. އޭއެފްސީގެ ކޮލިފިކޭޝަން މިހާރު އޮންނަ ގޮތުން ޕަރޯ އަތުން މޮޅުވެއްޖެނަމަ، ކޮލިފައިން ދެވަނަ މެޗަށް ވެލެންސިއާއަށް ފުރުސަަތު ލިބޭނެއެވެ. ކޮލިފައިވެއްޖެނަމަ މިމަހުގެ 12 ވަނަ ދުވަހު ވެލެންސިއާ ދެން ކުޅެން ޖެހޭނީ ބަންގުލަދޭޝްގައި އެގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަބަހާނީ އަތުން މޮޅުވެއްޖެނަމަ ދެން މިމަހުގެ 19 ވަނަ ދުވަހު އިންޑިއާގައި ކުޅެން ޖެހޭނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖަށް ދާނީ އެ މެޗުން މޮޅުވާ ޓީމެކެވެ.

މިއަހަރު ލީގުގެ ފުރަތަމަ މުބާރާތް ވެލެންސިއާއިން ކާމިޔާބުކުރި ނަމަވެސް، އޭގެފަހުން ކްލަބަށް ވަނީ އަނިޔާގެ މައްސަލަތަކާއެކު މުސާރައިގެ މައްސަލަތައްވެސް ކުރިމަތިވެފައެވެ. އަދި އޭގެ އިތުރުންވެސް މައްސަލަތައް ވަނީ ދިމާވެފައެވެ. އެ މައްސަލަތަކުގެ ސަބަބުން މިވަގުތު ވެލެންސިއާގެ ފޯމު ދަށްކޮށް އޮތް އިރު، ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން ދަނޑުމަތިން ނުފެނެއެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް މިވަގުތު ޓީމުން ނުފެންނަ އިރު، އަނިޔާގެ ސަބަބުން އަލީ ފާސިރު (ސެންޓޭ) އާއި ބޯހާސް މާޓިންވެސް މިހާރު ތިބީ ކުޅެވޭ ހާލަތަކު ނޫނެވެ. އަދި އަސްހަދު އަލީ (އަޑޭ) ޖަލު ހުކުމެއް ތަންފީޒު ކުރަން މިދޭތެރެއިން ޓީމާ ދުރަށް ޖެހިލި އިރު، ޓީމަށް ގެނައި ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލާސް ރާއްޖޭގައި ދަން ޖެހިގެން މަރުވީއެވެ.

"ޓީމުގެ ބެކްބޯން އެއް ނެތް. ޕްރެސިޑެންޓްސް ކަޕަށްފަހު އެންމެ މުހިއްމު ހައެއްކަ ކުޅުންތެރިން ނެތި މިޖެހެނީ ކުޅެން. އެންމެފަހުން ގޯލްކީޕަރު ފައިސަލްވެސް ގިނަ މެޗުތަކުގައި ނެތް. ޑަކްސަން ދެން އެނބުރި ނާންނާނެ. އަޑޭވެސް ގިނަ މެޗުތަކުގައި ނެތް. ޓޮޕް ސްޓްރައިކަރު ބޯހާސްވެސް އަނިޔާގެ ސަބަބުން ނެތް. ސެންޓޭއަށް މެޗުގެ ފުރަތަމަ 11 އަށް ނުކުމެވޭނެ ކަމާ މެދު ސުވާލު އުފެދީ. އެ ފިޓްނަސްގައެއް ނޫން ހުރީ. އެހެން ނަމަވެސް މެޗުގެ ކޮންމެވެސް ހިސާބަކުން ފެނިދާނެ. ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ނެތުން އެއީ ވަރަށް ބޮޑަށް އޮޕްޝަންސް ލިމިޓްވާ ކަމެއް،" އޭއެފްސީ ކަޕް ޕްލިމިނަރީ މެޗުގެ ޕްރި މެޗު ޕްރެސްގައި ފެސްކޯ ބުންޏެވެ.

ގައުމީ ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި ފެސްކޯ ބުނީ ޓީމުގެ ޕްރެކްޓިސް މެދުކަނޑާލީ ގައުމީ ޓީމުގެ މެޗަށް ކަމަށެވެ. މިހާރު އަލުން ޕްރެކްޓިސް ފަށައި، ގައުމީ ދަނޑުގައި ވެލެންސިއާ ފަރިތަކުރަމުން އަންނަ އިރު، ޓީމުގެ ފަރިތަކުރުންތައް ލީޑު ކުރަމުންދަނީ އިސްމާއީލް އާސިފް (ކުޑަ ހީނާ) އެވެ. ފެސްކޯ ބުނީ ހެޑް ކޯޗަކަށް އޭނާ ހަވާލުވެ ހުރި ނަމަވެސް ޓީމުގެ ފަރިތަކުރުންތައް ލީޑުކޮށް، ޓީމު ލީޑު ކުރަނީ ކުޑަ ހީނާ ކަމަށާއި ކުޑަ ހީނާގެ ފަރާތުން ޕްރެސިޑެންޓްސް ކަޕްގައި ފެނުނު ކާމިޔާބީއާއެކު ފުރިހަމަ އިތުބާރު އޮންނާނެ ކަމަށެވެ.

"ޕްރެކްޓިސްތައް މެދުކަނޑާލީ ގައުމީ ޓީމުގެ މެޗުތަކެއް އޮތުމުން. ބޫޓާން ޓީމުތަކުންވެސް ބޮޑު ކުރިއެރުމެއް މިހާރު ހޯދާފައިވާނެ ކަމަށް އުންމީދަކީ. އެއީ ގައުމީ ޓީމުގެ މެޗުތަކަށް ބަލާއިރުވެސް އެނގޭ ބޫޓާނުން ރަނގަޅު ކުރަމުން އަންނަކަން. އެކަމަކުވެސް ބަލިނުކުރެވޭނެ ވަރުގަދަ ޗެލެންޖަކަށް (ބޫޓާން ޓީމު) ވެގެން ނުވާނެ. އެއަށްވުރެ ރަނގަޅު ފޯމެއްގައި ވެލެންސިއާ އޮތީ. އުންމީދަކީ ދިވެހި ޓީމު، ވެލެންސިއާއެއް އެކަންޏެއް ނޫން މި ތަމްސީލު ކުރަނީ. ރާއްޖެ މި ތަމްސީލުކުރަނީ. އެހެންވީމަ އުންމީދަކީ ދިވެހި ޓީމު މޮޅުވުން،" ފެސްކޯ ޕްރެސްގައި ބުންޏެވެ.

ވެލެންސިއާއާއި ޕަރޯ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭ 10:00 ގައެވެ.