ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން، މާރާމާރީ ހިންގުންފަދަ ނުރައްކާތެރި ކުށްތަކަށް ތުހުމަތު ކުރެވޭ ދެމީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މިއަދު ފުލުހުން ކުރި އިއުލާންގައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިގެން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، ހޯދަމުން އަންނަ އެކަކީ، ކ. މާލެ ދަފްތަރު ނަންބަރު ރސ. 5624، އަހުމަދު ޝައިރަފް އަބްދުއްރަޙީމް (27އ) އެވެ.

އޭނާ ހޯދަމުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 އަންނަ ބުނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝައިރަފް އަކީ، 2016 ވަނަ އަހަރު އޭނާ އާއި އިތުރު މީހަކު ވެގެން ސައިކަލަކުން ދިޔަ މީހަކަށް ކަތިވަޅިއަކުން ބިރު ދައްކައި ހަމަލާ ދޭން އުޅުނު މައްސަލައެއްގައި ކުރިމިނަލް ކޯޓުގައި ދައުވާކުރަމުން އަންނަ މީހެކެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެވަނަ މީހެއްގެ ގޮތުގައި ފުލުހުން ހޯދަމުން އަންނަނީ، ސ. ހިތަދޫ / އައްޒާ، މުބާރިކް މުހައްމަދު (31އ) އެވެ.

އޭނާ ހޯދަމުން އަންނަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މުބާރިކްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދައުވާއަކީ 2015 ވަނަ އަހަރު އޭނާ އައްޑޫގައި ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން އޭނާ ހޯދަން ގޮސް، އޭނާ ފެނުމުން އޭނާ ހިފަހައްޓަން އުޅެނިކޮށް ފުލުހުންނަށް އަނިޔާކޮށް އިންޒާރު ދީފައިވާ ކަމުގެ ދައުވާއެވެ.

ވީމާ، މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.