ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަތަރު ޕާޓީއަކަށް ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްލާއިލް ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ، 10،000 މެންބަރުން ހަމަވާ ހަތަރު ޕާޓީންވެސް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުށައަޅާފައިވާތީ ޕާޓީތަކަށް ފައިސާ ދޫކޮށްދޭން ފީނެންސްގައި މިހާރު އެދިފައިވާ ކަމަށެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

  • އެމްޑީޕީ - 15،024،009.96 ރުފިޔާ
  • ޕީޕީއެމް - 9،410،483.51 ރުފިޔާ
  • ޖޭޕީ - 5،526،669.74 ރުފިޔާ
  • އަދާލަތު ޕާޓީ - 2،900،903.79 ރުފިޔާ.

ގާނޫނު އަސާސީގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދަކަށް ވާން ޖެހެގެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެ ޕާޓީތައް ދަފްތަރުން އުނިކުރަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.