މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ނެދަލޭންޑްސްގެ ލުއިސް ވެން ހާލްއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހިގެން ފަރުވާ ދެމުން އަންނަކަމަށް އޭނާ ބުނެފިއެވެ.

މިވަގުތު ނެދަލޭންޑްސްގެ ގައުމީ ޓީމާ ހަވާލުވެހުރި ވެން ހާލްއަށް ކެންސަރު ޖެހުނުކަން އޭނާ އިއުލާންކުރީ ނެދަލޭންޑްސްގެ ރަސްމީ ޓީމުގެ ހަމްބާޓޯ ޕްރޮގްރާމްގައެވެ. ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި އުމުރުން 70 އަހަރުގެ ވެން ހާލްއަށް ކެންސަރު ޖެހުނުކަން އޭނާ ވަނީ ނެދަލޭންޑްސް ކުޅުންތެރިންނަށް ސިއްރު ކޮށްފައެވެ. އެއީ މެޗުތަކުގެ ނަތީޖާއަށް ކޮށްފާނެ އަސަރަކަށް ބަލައިފައި ކަމަށް ވެން ހާލް ވަނީ ބުނެފައެވެ.

"އަހަރެން ކުޅުންތެރިން ގާތު އެ ވާހަކަ އެހާ ކުރިން ބުނަން ބޭނުންނުވީ އެކަމުގެ ސަބަބުން ޕާފޯމަންސަށް އަސަރު ކުރާނެތީ،" ވެން ހާލް ބުންޏެވެ.

މިއީ ނެދަލޭންޑްސްގެ ކޯޗުކަމާ ވެން ހާލް ހަވާލުވެ ހުރި ތިންވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސްއަށް ތިންވަނަ ހޯދައިދިން ކޯޗު ވެން ހާލް، މިހާރު ހުރި ހާލަތުން ޓީމާ ހަވާލުވެގެން ގަތަރު ވޯލްޑް ކަޕަށް ދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ.

ވެން ހާލް ބުނެފައި ވަނީ ގައުމީ ޓީމާއެކު ހޭދަކުރި ދުވަސްތަކުގައި ކެންސަރުގެ އުނދަގޫތައް ކުރިމަތިވެ، ރޭގަނޑު ކުޅުންތެރިންނަށް ނޭނގި ހޮޓާ ދޫކޮށް، ހޮސްޕިޓަލަށް ދާން ޖެހުނު ފަހަރުތަކާ ކުރިމަތިވި ކަމަށެވެ. އޭރު އެއީ ކުޑަކުޑަ ކަމެއް ކަމަށް ހީވިނަމަވެސް ޓެސްޓްތަކުން އެއީ ކެންސަރުކަން ޔަގީންވާ ކަމަށެވެ.

ބާސެލޯނާގެ އިތުރުން ބަޔާން މިއުނިކާއި އަޔެކްސްގެ އަދި އޭޒެޑް އަލްކްމާރާއެކުވެސް އެގައުމުތަކުގެ ލީގު ވެން ހާލް ހޯދައިފައިވާ އިރު، އޭނާ ވަނީ 1995 ވަނަ އަހަރު އަޔެކްސްއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑްގައި ވެން ހާލް ދެ ސީޒަނެއް ހޭދަކުރި އިރު، އޭނާ ވަނީ ޓީމާއެކު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ.

ވެން ހާލްގެ ފުރަތަމަ އަންހެނުން ފެނާންޑާ އޮބޭސްވެސް މިދިޔަ އަހަރު މަރުވީ ލިވާ އަދި ޕެންކްރިއޭޓިކް ކެންސަރު ޖެހިގެންނެވެ.