އިޓާލިއަން ސެރެއާ އޭގައި ރޭ އިންޓަ މިލާނުން ޔުވެންޓަސް ބަލިކޮށްފިއެވެ.
އިޓަލީގެ ގަދަ ބާރުންގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޓައާއި ޔުވެންޓަސް ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ 1-0ގެ ހަނި ނަތީޖާ އަކުންނެވެ. ރޭގެ މެޗުން މޮޅުވެ އެންމެފަހުގެ ލީގު ޗެމްޕިއަން އިންޓައަށް ވަނީ ތަށި ދިފާއުކުރުމަށް އުންމީދެއް ލިބިފައެވެ.
ތާވަލުގެ ތިން ވަނައިގައި އިންޓަ މިވަގުތު އޮތީ 30 މެޗުން 63 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. އެއްވަނައިގައި އޮތް އޭސީ މިލާން އޮތީ 30 މެޗުން 66 ޕޮއިންޓާ އެކުގައެވެ.
ސެރެއާ އޭގެ ތަށްޓަށް ފޯރިގަދަވެފައިވާ އިރު، އިންޓައާއި އޭސީއަށްވެސް ލީގުގައި ދެން ބާކީ އޮތީ އަށް މެޗެވެ.
މި ސީޒަންގައި ފޯމު ދަށްކޮށް ފެންނަ ޔުވެންޓަސް ރޭގެ މެޗުން ބަލިވުމާ އެކު އޮތީ ހަތަރު ވަނައިގައެވެ. އެއީ 31 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލަކީ ޕެނަލްޓީއަކުން އިންޓާގެ ހަކާން ޗަޅަނޯގްލޫ ޖަހައިދިން ގޯލެކެވެ. އެ ޕެނަލްޓީއަކީ ޑެންޒެލް ޑަމްފްރީސްއަށް އެލެކްސް ސާންޑްރޯ ކުރި ފައުލެއް، ވީއޭއާރްގެ އެހީގައި ރިވިއުކޮށް ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ބުރުގައި ޗަޅަނޯގްލޫ ޖެހި ޕެނަލްޓީ ޔުވެންޓަސް ގޯލްކީޕަރު ވީޝެކް ޝެޒްނީ މަތަކުރި ނަމަވެސް ވީއޭއާރު ބަލައި ރެފްރީ ނިންމީ ޕެނަލްޓީ ޖެހި ގަޑީ ޔުވެންޓަސް ޑިފެންޑަރު މެތިއަސް ޑެ ލިހްޓް އޭރިއާ ތެރެއަށް ވަން ކަމަށެވެ. ދެވަނަ ފަހަރު ޗަޅަނޯގްލީ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުން ޕޮއިންޓެއް ހޯދުމަށް ޔުވެންޓަސްއިން ކުރި މަސައްކަތުގައި ޖޯޖިއޯ ޗިއެލީނީއާއި ޑެނިސް ޒަކާރިއާ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ރޭގެ ބައްޔަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހަށްފަހު ޔުވެންޓަސްއަށް ލީގުގައި ކުރިމަތިވި ފުރަތަމަ ބައްޔެވެ.