ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސް ޖެހި ހިތްގައިމު ގޯލާ އެކު ބާސާއިން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ބާސާ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ބާސާއިން ލީގު ތާވަލުގެ ދެވަނައިގައި އޮތް އިރު، ސެވިއްޔާ އޮތީ ތާވަލުގެ ދެވަނައިގައެވެ. ބާސާ ރޭގެ މެޗުން މޮޅުވެ ދެވަނައަށް ޖެހިލީ 29 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ސެވިއްޔާއަށް 30 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ހަތަރު ވަނައިގައެވެ.
އެތުލެޓިކޯ މެޑްރިޑުން މިހަފްތާގައި ކުޅުނު މެޗުން މޮޅުވެ އެޓީމު އޮތީ ތިންވަނައިގައެވެ. އެއީވެސް 30 މެޗުން 57 ޕޮއިންޓާ އެކުގައެވެ. ބާސާ އަތުގައި 28 ފައިދާ ގޯލު އޮތް އިރު، ސެވިއްޔާއާއި އެތުލެޓިކޯ މެޑްރިޑް އޮތީ ފައިދާ 20 ގޯލެވެ. ފައިދާ ގޯލު އެއްވަރުވެފައި އޮތުމުން އެ ދެޓީމު ތާވަލުގައި އެތުރެނީ ހެޑް ޓު ހެޑް މެޗަށް ބެލިގެންނެވެ.
ރޭ ބާސާއިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ފެނުނީ ޕެޑްރީގެ ހުނަރުވެރި ގޯލެކެވެ. އޭރިއާ ބޭރުން ބޯޅަ ކޮންޓްރޯލްކޮށް، ހިތްގައިމު ކޮއްޓާލުމަކާ އެކު ދެ ކުޅުންތެރިން ނައްޓުވާލައި 19 އަހަރުގެ ޕެޑްރީ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.
މެޗުގައި މޮޅަށް ކުޅުނީ ބާސާއިންނެވެ. ޖެރާޑް ޕީކޭ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ރޭގެ މެޗާ އެކު ބާސާއިން ވަނީ އެންމެފަހުން ކުޅުނު 14 މެޗުގައިވެސް ބަލިނުވެ ހިފަހައްޓާލައިފައެވެ. ރޭގެ މެޗުން ސެވިއްޔާ ބަލިވީ 14 މެޗު ބަލިނުވެ އޮތުމަށްފަހުއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ