ރަޝިއާ ފަހަތަށް ޖައްސާލައި, މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އިނގިރޭސިވިލާތް ޖެހިލައިފިއެވެ.
ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރަޝިއާއެވެ.
ގިނަ ދުވަސްތަކަކަށްފަހު އެ ލިސްޓުން ރަޝިއާ ފަހަތަށް ވެއްޓިފައި މިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ރަޝިއާގެ ފަތުރުވެރިން އަންނަ އަދަދު ދަށްވުމާ ގުޅިގެންނެވެ. ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ޔޫކްރެއިނުން އަންނަ ފަތުރުވެރިން މަދުވާނެ ކަމަށެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ޔޫކްރެއިން ވެސް ހިމެނުނެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސް, މިހާރު އެ ލިސްޓުގައި އެގައުމު ނުހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. މާކެޓުގެ 12.2 އިންސައްތަ ހިއްސާއަކީ އިނގިރޭސިވިލާތެވެ. މާކެޓުގެ 12.0 އިންސައްތަ ހިއްސާއަކީ ދެވަނައަށް ވެއްޓުނު ރަޝިއާއެވެ.
ލިސްޓުގެ ތިންވަނައިގައި އޮތީ އިންޑިއާއެވެ. ހަތަރުވަނައިގައި ޖަރުމަން އޮތް އިރު, ފަސްވަނައިގައި އޮތީ އިޓަލީއެވެ. ލިސްޓުގައި ދެން ހިމެނެނީ ފްރާންސާއި އެމެރިކާ އާއި ސައުދީ އަރަބިއްޔާ އާއި ސްވިޒަލެންޑް އަދި އޮސްޓްރިއާއެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 437,587 ފަތުރުވެރިންނެވެ. ދުވާލެއްގެ މައްޗަށް މިދިޔަ ދެ ދުވަހު 4,955 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު ރާއްޖެއަށް 149,008 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު, މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 146,905 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު