ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި، ނެދަލެންޑްސްގެ ރެނޭ ހިޑިންކަށް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފިއެވެ.
ފީފާ ޓްރައިބިއުނަލުން އެ ނިންމުން ނިންމީ މިދިޔަ އަހަރު އޭނާ މަގާމުން ވަކިކުރި ގޮތުގެ މައްސަލަ ބެލުމަށްފަހުއެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އެސިސްޓަންޓަކަށް ރެނޭ ހަމަޖެއްސީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އޭގެ އެއް އަހަރު ފަހުން، މިދިޔަ އަހަރު އިތުރު ތިން އަހަރަށް ރެނޭގެ ކޮންޓްރެކްޓް އާ ކޮށްފައިވީ ނަމަވެސް، އެ މަގާމުން ކޫޕްމަންއާއި ރެނޭވެސް ވަކިކޮށް ފޮނުވާލިއެވެ.
ރެނޭއަކީ މަޝްހޫރު ފުޓްބޯޅަ ކޯޗު، ގޫސް ހިޑިންކްގެ ކޮއްކޮއެވެ. ރެނޭ ވަޒީފާ އިން ވަކިކުރިކަމަށް ފީފާ ޓްރިބިއުނަލްގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ 23 ޖޫން 2021 ގައެވެ. އޭނާ ފީފާ ޓްރިބިއުނަލަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ޖެނުއަރީ މަހު ރެނޭއާ އެއްކޮޅަށް ފީފާ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ އިރު، ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރެނޭ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށޭނެ ނޯޓިސްއެއްވެސް ނުދީއެވެ. ފީފާގެ ޗީފް ލީގަލް އެންޑް ކޮމްލްޕަލަޔަންސް އޮފިސަރު، އެމިލިއޯ ގާސިއާ ސޮއިކުރައްވައި އާންމުކުރި ރިޕޯޓުގައިވަނީ އެފްއޭއެމުން ރެނޭއަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލެއް ދީފައެވެ.
އެގޮތުން، ފީފާ އިން އަންގާފައިވަނީ ރެނޭއަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. އެއަށް ފަހު، އެ އަހަރު 2021 ގެ ޖުލައި އިން ޖެނުއަރީ 2024 އާ ހަމައަށް ދައްކަން ޖެހޭ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. މި އަދަދު ކަނޑައަޅާފައިވަނީ ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރަށް ބަލައި، ޖުމުލަ އެއްކޮށް ކޮންޓްރެކްޓުގެ ބާކީ މުއްދަތަށްވާ 31 މަހަށް ބަހައިލުމުންނެވެ.
މީގެ އިތުރުން ރެނޭގެ ޕޮކެޓް މަނީގެ ގޮތުގައި އެފްއޭއެމުން ދޭން ޖެހޭ ފައިސާ އިން 15,500 ޑޮލަރު ދައްކަން ވެސް ވަނީ އަންގައިފައެވެ. ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު ވެސް ބަހާލާފައިވަނީ ކޮންޓްރެކްޓުގެ ބާކީ މުއްދަތު (31 މަސް) އަށެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަދަދު އެއްކޮށްލުމުން ޖެހެނީ 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) އެވެ.
ޓްރިބިއުނަލްގެ ރިޕޯޓުގައިވާ ގޮތުން އެފްއޭއެމުން ރެނޭގެ ކޮންޓްރެކްޓް އުވާލަން ޖެހުނު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި މާލީ ދަތިތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ހިންގުން ރީސްޓްރަކްޗާ ކުރުމުގެ ގޮތުން ގެނެވޭ ބަދަލެއްގެ ތެރެއިން ކަމަށެވެ.
އެކަމަކު، ކޮންޓްރެކްޓް އާ ކުރިތާ ތިން މަސް ފަހުން ކޮވިޑުގެ ހާލަތާ ހެދި ކޮންޓްރެކްޓް އުވާލެވޭނެ މަގުބޫލު ސަބަބެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފީފާގެ ރިޕޯޓުގައިވެއެވެ. އަދި ކޮންޓްރެކްޓް އާ ކުރީވެސް ކޮވިޑުގެ ހާލަތުގެ ތެރޭގައި ކަމަށްވާ އިރު، ކޮންޓްރެކްޓް އުވާލުމާ މެދު އެފްއޭއެމްގެ އެ ދިފާއީ ޖަވާބަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ރެނޭއަށް 2.9 މިލިއަން ރުފިޔާ ދައްކަން ފީފާ އިން އެންގުމާއެކު، އެފްއޭއެމަށް ޖަވާބުދާރީވާން ލިބޭ މުއްދަތުގެ ތެރެއިން އަންނަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަމުންނެވެ.
އެފްއޭއެމުން ރެނޭއަށް ދޭން ޖެހޭ ފައިސާ އަދާކޮށްނުދޭނަމަ ފީފާ އިން ދޭ ޑިވެލޮޕްމަންޓް ފަންޑުގެ ވަކި ޕަސެންޓެއް މަދުވާނެ ކަމަށް ޓްރިބިއުނަލް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް