ސިއްހަތު

ކޮވިޑުގެ އޮމިކްރޮން އާއިލާއިން އުފެދިގެން އައިސްފައިވާ އެކްސް އީ ވޭރިއަންޓާ މެދު ކަންބޮޑުވުން

ކޮވިޑުގެ އާ ވޭރިއަންޓެއް ކަމަށްވާ އެކްސް އީ ވޭރިއަންޓާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑަބްލިއުއެޗްއޯ އިން އާ ވޭރިއަންޓެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިދިޔަ މާޗުމަހުގެ ފުރަތަމަ ދެ ހަފުތާގައި ކޮވިޑުގެ އަދަދުތައް މަތިވާން ފެށުމާ ގުޅިގެންނެވެ.

މިއަހަރުގެ ޖެނުއަރީ މަހު އިނގިރޭސިވިލާތުން އަލަށް ފެނުނު އެކްސް އީ ވޭރިއަންޓަކީ ރީ ކޮމްބިނަންޓު ވޭރިއަންޓެކެވެ. ވައިރަހަކީ ޖެނެޓިކަށް ބަދަލު އައިސް އޭގެ ޒާތުގައި ބަދަލުވަމުން އަންނަ އެއްޗަކަށް ވާއިރު ރީކޮންބިނަންޓު ވޭރިއަންޓަކަށް ވަނީ ކުރީގެ ދެ ވޭރިއަންޓެއްގެ ޖެނެޓިކު އެކުވެގެން ވޭރިއަންޓެއް އުފެދިގެން އައުމުންނެވެ. މީގެ ކުރިން ކޮވިޑުގެ ރީކޮމްބިނަންޓް ވޭރިއަންޓެއް ގޮތުގައި އުފެދިގެން އައި ޑެލްޓާކްރޮންގެ ސަބަބުންވެސް ވަނީ ކޮވިޑުގެ އަދަދުތައް އިތުރުވެގެން ގޮސްފައެވެ. ޑެލްޓާކްރޮން އަކީ އޮމިކްރޮން އަދި ޑެލްޓާ ވޭރިއަންޓު އެކުވެގެން އުފެދިގެން އައިސްފައިވާ ވޭރިއަންޓެކެވެ.

އެކްސް އީ ވޭރިއަންޓަކީ އޮމިކްރޮންގެ ބީއޭ.1 އަދި ބީއޭ.2 ވޭރިއަންޓުން އެކުވެގެން އައިސްފައިވާ ވޭރިއަންޓެކެވެ. މި ވޭރިއަންޓު އެންމެ ފުރަތަމަ މިއަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހު އިނގިރޭސިވިލާތުން ފެނިފައިވާއިރު މިހާތަނަށް އެގައުމުން 600 ސިކުއެންސެއް ރިޕޯޓުކުރެވި އެ ވޭރިއަންޓަށް ވަނީ ޕޮޒިޓިވް ވެފައެވެ. އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ހާމަކުރާގޮތުގައި އެގައުމުން ފެނުނު އެކްސް އީ ވޭރިއަންޓު ދިރާސާކުރަމުން އަންނައިރު ޑެލްޓާ އަދި އޮމިކްރޮން ބީއޭ.1 ގެ ދެ ރިކޮމްބިނަންޓް ވޭރިއަންޓެއް ކަމަށް ވާ އެކްސްޑީ އަދި އެކްސްއެފް ވެސް އަންނަނީ ގާތުން ބަލަމުންނެވެ.

އޮމިކްރޮން ބީއޭ.2 ނުވަތަ ސްޓެލްތު އޮމިކްރޮން އާއި އަޅައިބަލާއިރު އެކްސް އީ ވޭރިއަންޓު ފެތުރުން %10 އިތުރު ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް އޮމިކްރޮންއަށް ވުރެ ބާރަށް މި ވޭރިއަންޓު ފެތުރޭތޯ ޔަގީން ކުރުމަށް އިތުރު ދިރާސާތައް އަންނަނީ ހެދެމުން ކަމުގައި ވަނީ ހާމަކޮށްފައެވެ. އެކްސް އީ ސްޓްރެއިން ގެ ސަބަބުން ބައްޔަށް މާބޮޑެތި ބަދަލުތަކެއް ނައިސް، ބަލީގެ އަލާމާތްތައް ތަފާތު ނުވާހާ ހިނދަކު މިއީ އޮމިކްރޮން އަށް ނިސްބަތްވާ ވޭރިއަންޓެއް ކަމަށް ބެލެވޭނެ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.

މި ވޭރިއަންޓު ގާތުން ދިރާސާކުރަމުން ގެންދާކަމަށާއި އާއްމުންގެ ސިއްހީ ރައްކާތެރިކަމަށް ގެއްލުންހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރެވި، ފާހަގަކުރެވޭ ކަންކަން ހިއްސާކުރަމުން ގެންދާނެކަމުގައި އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކޮށް ފެތުރިފައިވަނީ %99.7 އާއެކު އޮމިކްރޮން ވޭރިއަންޓެވެ. އޮމިކްރޮން ބީއޭ.2 ނުވަތަ ސްޓެލްތު އޮމިކްރޮންވެސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު މާޗްމަހުގެ ތެރޭގައި ޔޫރަޕާއި ޗައިނާގެ ކޮވިޑުގެ އަދަދުތައް މަތިވުމުގެ ފަހަތުގައި މި ވޭރިއަންޓު ހިމެނެއެވެ.