އަނިޔާއިން ރަނގަޅުވެގެން އެނބުރި އައިސް ކެޕްޓަން ކަރިމް ބެންޒެމާ ޖެހި ދެ ޕެނަލްޓީއާއެކު ރެއާލް މެޑްރިޑުން ސެލްޓާ ވީގޯ ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު މިރޭ ރެއާލްއިން ކާމިޔާބުކުރީ 2-1 ނަތީޖާއަކުންނެވެ. މެޗުގައި ރެއާލް ޖެހި ދެ ގޯލަކީވެސް ބެންޒެމާ ޖެހި ދެ ޕެނަލްޓީއެކެވެ. ތިންވަނަ ޕެނަލްޓީއެއްގައި ހެޓްރިކް ހަދަން ބެންޒެމާއަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ޖެހި ތިންވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ބެންޒެމާ އަކީ 1951 ވަނަ އަހަރަށް ފަހު ސްޕެނިޝް ލީގުގެ މެޗެއްގައި ތިން ޕެނަލްޓީ ޖަަހައި، ދެ ޕެނަލްޓީ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. ރެއާލްވެފައި ވަނީ 1996 ވަނަ އަހަރުގެ ފަހުން ސްޕެނިޝް ލީގުގައި، ރަށުން ބޭރުގައި ތިން ޕެނަލްޓީ ލިބުނު ފުރަތަމަ ޓީމަށެވެ.
ސްޕެނިޝް ލީގުގެ ރެއާލަށް ބާކީ އަށް މެޗު އޮތްއިރު، އެޓީމު އެއް ވަނައިގައި އޮތީ 30 މެޗުން 69 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ 29 މެޗުން 57 ޕޮއިންޓް ލިބިފައެވެ.
މިރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ބެންޒެމާ ޖެހި ފުރަތަމަ ޕެނަލްޓީންނެވެ. އެ ޕެނަލްޓީއަކީ ސެލްޓާގެ އޭރިއާތެރެއިން އެޓީމުގެ ނޮލީޓޯ، ރެއާލްގެ އެޑާ މިލިޓާއޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފު ސެލްޓާއިން ފެށީ ވަރުގަދަކޮށެވެ. ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި އެޓީމުން މެޗު އެއްވަރުވެސް ކުރިއެވެ. ގޯލު ޖެހީ ފުރަތަމަ ޕެނަލްޓީއަށް ގޯސް ހެދި ނޮލީޓޯއެވެ. ހާވީ ގަލާން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ނޮލީޓޯ ޖެހީ ހިތްގައިމު ގޯލެކެވެ. މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގަން 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީގައި ބެންޒެމާ ފޮނުވާލި ބޯޅަ ސެލްޓާގެ ކީޕަރު މަޓިއާސް ޑިޓޫރޯ ވަނީ މަތަކޮށްފައެވެ.
ރެއާލުން މޮޅުވި ޕެނަލްޓީ، ބެންޒެމާ ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނެޓްގައެވެ. އެއީ ފާލަންޑް މެންޑީއަށް އޭރިއާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ބެންޒެމާއަށް އަނިޔާގެ ސަބަބުން ދެ ހަފުތާގެ ކުޅުން ގެއްލިފައި ހުރުމަށްފަހު މިރޭގެ މެޗަށް އެނބުރި އައިސް އޭނާ ޖެހި ދެވަނަ ގޯލަކީ، މިހާތަނަށް ސީޒަންގައި އޭނާ ޖެހި 34 ވަނަ ގޯލެވެ.
މިރޭގެ މެޗަކީ ރެއާލްއިން އެލް ކްލެސިކޯގައި ބަލިވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުން އެލް ކްލެސިކޯގައި ބާސެލޯނާ ކައިރީ ރެއާލް ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ