އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޗެލްސީން ބްރެންޓްފޯޑު އަތުން ބަލިވި އިރު، މެންޗެސްޓާ ސިޓީން ބާންލީ ބަލިކޮށް، އަނެއްކާވެސް ލީގުގެ އެއްވަނަ ޖެހިލައިފިއެވެ.
ޗެލްސީން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު ކައިރީ ބަލިވީ ތަފާތު ބޮޑު 4-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ބްރެންޓްފޯޑުން އެންމެފަހުން ޗެލްސީ ބަލިކޮށްފައި އޮތީ 1939 ވަނަ އަހަރުއެވެ. އޭގެފަހުން ބްރެންޓްފޯޑުން މިރޭ ހޯދި ފުރަތަމަ މޮޅު ޗެލްސީން ދަނޑުގައި ހޯދުންވީ ހާއްސަ ކަމަށެވެ. މިރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ޗެލްސީން ހޯމްގައި ބަލިވި ދެވަނަ މެޗެވެ. ބްރެންޓްފޯޑުގެ އިތުރުން ޗެލްސީ ދަނޑުގައި ދެން މި ސީޒަންގެ ލީގުގައި މޮޅުވެފައި އޮތީ މެންޗެސްޓާ ސިޓީންނެވެ.
މިރޭ ޗެލްސީން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ނުފެނެއެވެ. ފުރަތަމަ ހާފުގެ ހަމައެކަނި ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވާލީ ޗެލްސީގެ ހަކީމް ޒިޔަޗެވެ. އޭނާ އަރިމަތިން މެދަށް ޖެހި ފޮނުވާލި ބާރު ބޯޅަ މަތަކުރީ ބްރެންޓްފޯޑުގެ ގޯލްކީޕަރު ޑޭވިޑް ރާޔާއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީން ލީޑު ނެގިއެވެ. ހާފުގެ މެދެއްހާ ހިސާބުން އެންޓޯނިއޯ ރުޑިގާ ފޮނުވައިލި ބާރު ހަމަލާ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ހިތްގައިމު ގޯލެކެވެ. އެ ގޯލާއެކު ޗެލްސީއަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ވިޓަލީ ޖަނެލްޓް ވަނީ ބްރެންޓްފޯޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ކައުންޓާ އެޓޭކްގައި ބްރެންޓްފޯޑުން ލީޑުވެސް ނެގިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ބްރައިން އެމްބުއިމޯގެ ޕާހަކުން ބްރެންޓްފޯޑަށް ލީޑު ނަގައިދިނީ ކްރިސްޓިއަން އެރިކްސަންއެވެ.
އެރިކްސަން ބްރެންޓްފޯޑަށް ޖެހި ފުރަތަމަ ގޯލަކީ ހާޓް އެޓޭކަށްފަހު ކްލަބު ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލުވެސް މެއެވެ. ޔޫރޯ 2020 ގެ މެޗުގައި ޖެހުނު ހާޓް އެޓޭކަށްފަހު މިދިޔަ ހަފުތާ ގައުމީ ޓީމަށް އެރިކްސަން ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ ގޯލު ޖަހައިފައެވެ،
ބްރެންޓްފޯޑުގެ އަނެއް ދެ ގޯލު ޖަހައިދިނީ ފުރަތަމަ ގޯލު ޖެހި ޖަނެލްޓާއި ބަދަލަކަށް ނުކުތް ޔޯނޭ ވީސާއެވެ.
މިރޭ ސިޓީން ރަށުން ބޭރުގައި ބާންލީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ ފަސްވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ޖަހައިދިން އިރު، 25 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ އިލްކޭ ގުންޑޮގަންއެވެ. އެ ދެގޯލަށްވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ރަހީމް ސްޓާލިންގެވެ.
މިރޭގެ ބައްޔާއެކު ޗެލްސީން ތިންވަނައިގައި އޮތީ 29 މެޗުން 59 ޕޮއިންޓާ އެކުގައެވެ. ހަތަރުވަނައިގައި އޮތް އާސެނަލްއަށް 28 މެޗުން 54 ޕޮއިންޓް ލިބިފައި އޮތް އިރު، ފަސްވަނައިގައި އޮތް ޓޮޓެންހަމްއަށް ލިބިފައި ވަނީ 29 މެޗުން 51 ޕޮއިންޓެވެ. ސިޓީ އަނެއްކާވެސް އެއްވަނައަށް ޖެހިލައިފައިވާ އިރު، އެޓީމަށް 30 މެޗުން ވަނީ 73 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލް އޮތީ 30 މެޗުން 72 ޕޮއިންޓް ހޯދައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު