ށ. ކޮމަންޑޫގެ އިހުތިސާސްގެ ތެރޭގައި އެރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑު އާއި އިތުރު ފަޅުރަށެއް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިއަދު ހަވީރު ނެރުއްވި ގަރާރެއްގައި ވިދާޅުވީ، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސްއާ މަތިކޮށްފައިވާ ކަމަށެވެ. އެހެންވެ ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި އެރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ މަތިކޮމަންޑު އާއި ކުޑަފަރުފިނޮޅު ހިމަނަން ފެނިވަޑައިގަންނަވާތީ އެގޮތަށް ނިންމަވާފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ، މިލަންދުންމަޑުލު އުތުރުބުރީ ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހުތިސޯސްގެ ތެރޭގައި މިލަންދުންމަޑުލު އުތުރުބުރީ މަތިކޮމަންޑޫ އާއި މިލަންދުންމަޑުލު އުތުރުބުރީ ކުޑަފަރުފިނޮޅު ހިމަނައި، އެ ދާއިރާގެ އިހުތިސޯސް މި ގަރާރާއެކު ހިމަނާފައިވާ ޗާޓުގައިވާ ގޮތަށް ކަނޑައަޅައި މި ގާރާރު އެކަށައެޅީމެވެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މަތިކޮމަންޑޫ އާއި ކުޑަފަރުފިނޮޅު ކޮމަންޑޫގެ އިހުތިސޯސްގެ ތެރޭގައި ހިމަނައިދެއްވީ އެގޮތަށް ކޮމަންޑޫ ކައުންސިލާއި އެރަށުގެ ރައްޔިތުން ރައީސްގެ އަރިހުން އެދިވަޑައިގެންނެވުމުންއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރުން ވަނީ ކޮމަންޑޫ އާއި މަތިކޮމަންޑާ ބްރިޖަކުން ގުޅާލާނެ ކަމަށް ވައުދެވެފައެވެ. އެ ވައުދު ފުއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުންނެވެ.

އެމްޓީސީސީއަށް އެ މަސައްކަތް ހަވާލުކުރީ 249 މިލިއަން ރުފިޔާއަށް މިދިޔަ ޖެނުއަރީ މަހުއެވެ. ދެ ކޮމަންޑޫ ގުޅުވާލެދޭ ބްރިޖުގެ އެޅުމުގެ މަސައްކަތް ކުރާނީ ވެސް އެމްޓީސީސީންނެވެ.